ވަޒީރުކަމުން ކުއްލިއަކަށް އިސްތިއުފާދެއްވި ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށް، މިހާރު ވަނީ ވަޒީފާއަށް ނުކުންނަވަން ފައްޓަވާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރަށް ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް، މި ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައި ހިމެނުނު 10 ވަޒީރަކު މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ. މާރިޔާ އަކީ އޭގެ ތެރެއިން އެއް ބޭފުޅާއެވެ.
މާރިޔާގެ އިތުރުން، އިސްތިއުފާދެއްވި އިތުރު ހަތަރު ވަޒީރަކަށްވެސް ސަރުކާރުން ވަނީ އިސް މަގާމުތައް ދީފައެވެ. އެގޮތުން ކުރީގެ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު ގަތަރުގައި ހުންނަވާ ދިވެހި ސަފީރު ކަމަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހީމް އެކުވެރި އަރަބި އިމާރާތުގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އައްޔަން ކޮށްފައިވެއެވެ. އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކޮށްފައެވެ.
ކޮމެންޓު ފޮނުވާ