ޝާހިދުގެ ޕްރައިމަރީ ކެމްޕޭން ފެލިދެއަތޮޅުގައި ފަށައިފި

ޝާހިދުގެ ޕްރައިމަރީ ކެމްޕޭން ފެލިދެއަތޮޅުގައި ފަށައިފި

Author
އަހުމަދު
09 ސެޕްޓެމްބަރ 2026 10:25
0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުތަކުގައި ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ޝާހިދުގެ ކެމްޕޭން ޓީމުން ބުނިގޮތުގައި، ދެ ދުވަހުގެ މި ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ރަކީދޫއަށެވެ. އޭގެފަހުން ތިނަދޫ، ފެލިދޫ އަދި ކެޔޮދޫއަށް ވަޑައިގަންނަވާނެއެވެ. މާދަމާ ފުލިދޫއަށް ވަޑައިގަތުމަށްފަހު، ހަވީރު މާލެ އެނބުރި ވަޑައިގަންނަވާނެ ކަމަށް ކެމްޕޭން ޓީމުން މައުލޫމާތުދެއެވެ. ފުރާވަޑައިގަންނަވަމުން ޝާހިދު ވިދާޅުވީ ވޯޓު ހޯއްދެވުމަށް ވ. އަތޮޅަށް ވަޑައިގަތުމަކީ އަބަދުވެސް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.

ޝާހިދު މީގެ ކުރިން ވަނީ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއަކާ އެކު އުތުރުގެ ކެމްޕޭން ފައްޓަވާފައެވެ. އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އައްޑޫ ސިޓީގައި އިއުލާނު ކުރެއްވުމަށްފަހު، އެ ސިޓީގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ.

ޕްރައިމަރީގައި ޝާހިދާ ވާދަކުރައްވާނީ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލެވެ. ޕްރައިމަރީގައި ވާދަނުކުރައްވާނެކަން ހާމަކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޔާޒަށް ތާއީދު ކުރައްވާފައެވެ. އެގޮތުން، ރޭ މާލޭގައި ބޭއްވި ފައްޔާޒުގެ ކެމްޕޭން ބައްދަލުވުމުގައި ނަޝީދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.