ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތައް ހިންގުމަށް ޚާއްޞަކޮށްގެން އެކުލަވާލި އައު ޤަވާޢިދަކީ، ފާއިތުވި 18 އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމުގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ލ. ފޮނަދޫގައި ބޭއްވުނު، ފަނޑިޔާރުންނާއި ކޯޓު މުވައްޒަފުން އައު ޤަވާޢިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ފެހި ޤާނޫނުއަސާސީއާއެކު ޖަސްޓިސް މިނިސްޓްރީ އުވިދިޔުމުން، މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދު ބާޠިލުވެ، މިހާތަނަށް އެ ކޯޓުތައް ހިންގަމުން ދިޔައީ ކޯޓުތަކަށް ލިބިދޭ ޠަބީޢީ ބާރުގެ ތެރެއިން ކަމަށެވެ. މެޖިސްޓްރޭޓުންގެ އިސްނެންގެވުމުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅި ފާސްކުރި މި ޤަވާޢިދަކީ އެ ހުސްކަމަށް ގެނެވުނު ދާއިމީ ޙައްލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާ މި ޤަވާޢިދުގެ ދަށުން، މެޖިސްޓްރޭޓް ކޯޓުތަކަށް ރަޖިސްޓްރާރެއްގެ މަޤާމު އަލަށް ތަޢާރަފުކުރެވި، މައްސަލަތައް އިބްތިދާއީ މަރުޙަލާގައި ދިރާސާކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މުޅި ރާއްޖެއަށް އެއް އުޞޫލަކުން މައްސަލަ ބަލައިގަތުމާއި، އިދާރީ ފީ ނެގުމާއި، ޝަރީޢަތް ހިންގުމުގެ އިޖުރާއާތު ހަމަހަމަވެ، ޚިދުމަތުގެ ފެންވަރު އެއް ހަމައެއްގައި ދެމެހެއްޓޭނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މީގެއިތުރުން، އޮންލައިންކޮށް މައްސަލަ ހުށަހެޅުމާއި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ހިންގުމާއި، ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލުވުމާއި، ކައިވެންޏާއި ވަރި އަދި ޚަރަދުގެ މައްސަލަތައް ހިންގުމުގެ ހަރުދަނާ އުޞޫލުތައްވެސް އައު ޤަވާޢިދުގައި ވަނީ ހިމަނާފައެވެ.
މި ޤަވާޢިދަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވުނު 14 ސެޝަނުގައި 1,100 އަށްވުރެ ގިނަ ފަނޑިޔާރުންނާއި މުވައްޒަފުން ބައިވެރިވެފައިވާއިރު، މިއީ ޝަރުޢީ ދާއިރާގައި ހުރިހާ ފަންތިއެއްގެ މުވައްޒަފުން އެއްފަހަރާ ބައިވެރިކޮށްގެން ހިންގުނު އެންމެ ބޮޑު ތަމްރީނު ޕްރޮގްރާމެވެ. ވާހަކަފުޅު ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވަނީ، މި ޤަވާޢިދުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އިންސާފުވެރިކަމާއި، ހަލުވިކަމާއި، އޯގާތެރިކަމާއެކު ޚިދުމަތް ދިނުމަށް ފަނޑިޔާރުންނާއި މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ