ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް 2028 ވަނަ އަހަރުގެ މެދުތެރެއަށްދާއިރު ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ހިނގަމުންދާ ދައުރެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފަށައި، ހަމަ އެ ދައުރުގައި އެ ތަންތަނުގައި ރައްޔިތުންނަށް ދިރިއުޅުން ފެށޭގޮތް ހެދުމަކީ މީގެ ކުރިން ފެނިފައި ނުވާ ކަމެއް ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތަކާއެކު، މި ދައުރު ނިމުމުގެ ކުރިން ގިނަ ރައްޔިތުންތަކަކަށް އަމިއްލަ ފުރާޅެއްގެ ދަށުގައި ދިރިއުޅުން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ފްލެޓް ޢިމާރާތްކޮށްގެން ނޫން ކަމަށާ، ލުއި ގޮތެއްގައި ދޫކުރެވޭ ލޯނާއި، މާލީ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އޭގެ ބައެއް ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މާލޭ ސަރަޙައްދުގައި ސަރުކާރުން ކުރިއަށްގެންދާ ބިންހިއްކުމުގެ ބޮޑެތި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް އެމަނިކުފާނު މިއަދު ނޫސްވެރިންނާ ޙިއްޞާކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ