މަދަނީ ކުދި މައްސަލަތައް އަވަހަށް ނިންމުމަށް ޚާއްޞަ ކޯޓެއް ޤާއިމުކުރަނީ

މަދަނީ ކުދި މައްސަލަތައް އަވަހަށް ނިންމުމަށް ޚާއްޞަ ކޯޓެއް ޤާއިމުކުރަނީ

Author
އަހުމަދު
07 ސެޕްޓެމްބަރ 2026 07:23
0

މަދަނީ ކުދިކުދި މައްސަލަތައް އަވަހަށް ހައްލުކޮށްދޭނެ ޚާއްޞަ "ސްމޯލް ކްލެއިމްސް ކޯޓެއް" ޤާއިމުކުރެއްވުމަށްޓަކައި ޤާނޫނަށް ބޭނުންވާ އިސްލާޙުތައް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު ފެށުމާއެކު، ކޯޓުތަކާބެހޭ ޤާނޫނަށާއި މަދަނީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާޙުތައް ހުށަހަޅުއްވާނެ ކަމަށެވެ. މީގެ ބޭނުމަކީ މަދަނީ މައްސަލަތައް ކޯޓަށް ހުށަހެޅުމުގައި ދިމާވާ ދަތިތައް ފިލުވައި، މައްސަލަތަކުގެ މަރުހަލާ ފަސޭހަކޮށް، އަވަހަށް ނިންމައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، 1 ލައްކަ ރުފިޔާއަށްވުރެ ކުޑަ ޢަދަދުތަކުގެ މައްސަލަތައް ޚާއްޞަ ސްމޯލް ކްލެއިމްސް ކޯޓަކުން އަވަހަށް ނިންމައިދޭ ގޮތަށް ހަމަޖެއްސުމުން، ކުދި ވިޔަފާރިވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ވިޔަފާރިއާ ގުޅުންހުރި މައްސަލަތައް އަވަސްކުރުމަށްޓަކައި، ސިވިލް ކޯޓުގައި ކޮމާޝަލް ޑިވިޜަނެއް ނުވަތަ ވަކި ކޯޓެއް ޤާއިމުކުރެއްވުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ޝަރުޢީ ނިޒާމު މިނިވަންކޮށް، އިތުރަށް ހަރުދަނާކުރުމަށާއި ދައުލަތުގެ ނިޒާމަކީ ޚަރަދު ކުޑަ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.