ފާއިތުވި އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގައި ހިންގާފައިވާ އެކިއެކި ސްކޭމްތަކާއި މަކަރާއި ހީލަތުގެ މައްސަލަތަކުގައި އާންމުންގެ އަތުން 1,962,260.38 ރުފިޔާ ފޭރިގަނެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ މުއްދަތުގައި މިފަދަ ޖުމްލަ 184 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން 1,129,106.87 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ފާހަގަކުރެވުނީ އޮންލައިންކޮށް ވިޔަފާރި ކުރާކަމަށްބުނެ ހިންގި "އީ-ކޮމާސް" ސްކޭމްތަކެވެ. މިފަދަ 79 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ބޭރު ފައިސާ މާރުކޮށްދޭކަމަށްބުނެ ހިންގާފައިވާ 43 މައްސަލައާއި، ބުކިންގ ކެންސަލް ކުރުމާއި ރިފަންޑާ ގުޅުވައިގެން ހިންގާފައިވާ 20 މައްސަލައާއި، ދަންނަ މީހުންގެ ނަމުގައި ގުޅައި ފައިސާ ހޯދާފައިވާ 18 މައްސަލައާއި، އަންއޮތޮރައިޒްޑް ޓްރާންސެކްޝަންގެ 12 މައްސަލައާއެކު އެހެނިހެން 12 މައްސަލައެއް ވެސް ހިމެނެއެވެ.
ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ ސައްތައަކަށް ގާތްކުރާ މިންވަރެއް، ސީދާ %99 އަކީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. މީގެ ތެރެއިންވެސް ބޮޑު ބައެއް ކަމަށްވާ %95 ހިއްސާކުރަނީ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ އަމަލުތަކެވެ. މީގެ އިތުރުން އޮންލައިން މެސެޖިންގ އެޕްލިކޭޝަންތަކާއި، އައިބޭ އާއި، ފޯނު ކޯލާއި ފިޝިންގ ލިންކުތައް މެދުވެރިކޮށްވެސް މަކަރު ހަދާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
މިފަދަ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ، އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ނުވަތަ ލިބޭ ކޮންމެ މެސެޖަކާއި ކޯލަކީ ތެދު މައުލޫމާތު ކަމަށް ނުދެކުމަށާއި، ފައިސާގެ މުއާމަލާތެއް ހިންގުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތު ހިއްސާކުރުމުގެ ކުރިން ރަނގަޅަށް ވިސްނާލުމަށް އިލްތިމާސްކޮށްފައެވެ. އަދި މުއާމަލާތު ކުރެވެނީ ކާކާތޯ ޔަގީންކުރުމަށާއި، އަވަސްއަރުވާލައިގެން ފައިސާ ފޮނުވުމަށް ކުރާ ޑިމާންޑްތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ