އާބާދީ މަދު ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ އިދާރީ ވަޒީފާތަކަށް މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެ ރަށުން ބޭރު ނަމަވެސް ހަމަ އެ އަތޮޅުގެ އެހެން ރަށެއްގައި ދިރިއުޅޭ މީހަކަށް، އެ މީހަކު ދިރިއުޅޭ ރަށުގެ ކައުންސިލް އިދާރާއަށް ހާޒިރުވެގެން ވަޒީފާ އަދާކުރެވޭނެ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އުސޫލެއް އެކުލަވާލައިފި އެވެ.
މިދިޔަ މަހުގެ 24 ގައި ގެޒެޓް ކުރި މި އުސޫލުގެ ދަށުން، ވަޒީފާއަށް ހޮވޭ މީހާ ދިރިއުޅެނީ ހަމަ އެ އަތޮޅެއްގައި ކަމަށް ވާން ޖެހޭ އިރު، ވަޒީފާ އަދާކުރުމަށް ދިރިއުޅޭ ރަށުގެ ކައުންސިލް އިދާރާއަށް ނުކުމެ މަސައްކަތް ކުރެވޭނެ އިންތިޒާމު ވަޒީފާ ދިނުމުގެ ކުރިން ހަމަޖައްސާފައި އޮންނަން ޖެހެ އެވެ.
އެ މުވައްޒަފެއްގެ މަސައްކަތް ބެލެހެއްޓުމާއި މޮނިޓާ ކުރުމުގެ ޒިންމާ ހަވާލުވަނީ އޭނާ ހާޒިރުވާ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްއާ އެވެ. ނަމަވެސް މުސާރަ ދިނުމުގެ ޒިންމާ އޮންނާނީ ވަޒީފާ ނިސްބަތްވާ ކައުންސިލް އިދާރާއަށެވެ. މި އުސޫލު ހަމައެކަނި ހިނގާނީ ކައުންސިލްގެ އޮނިގަނޑުގައި ހިމެނޭ އިދާރީ ވަޒީފާތަކަށެވެ.
ކޮމެންޓު ފޮނުވާ