ހދ. ހިރިމަރަދޫއާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
އެޗްއާރްސީއެމުން ބުނިގޮތުގައި އެ މައްސަލަ މިހާރު ވަނީ ރަޖިސްޓްރީކޮށް، ތަހުގީގު ފެށިފައެވެ. މި މައްސަލަ ހުށަހެޅުމުގެ ކުރިން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން ހިރިމަރަދޫގެ ރައްޔިތުންގެ ހާލަތު ދެނެގަތުމަށް "ފެކްޓް ފައިންޑިން" މަސައްކަތްތަކެއް ކޮށް، އެ ހޯދުންތައް ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް އެ ޕާޓީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ސަރުކާރަށް ގޮވާލާފައި ވަނީ ހިރިމަރަދޫއަކީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކޮށް، އެ ރަށުގެ އިދާރީ ހިންގުން އަލުން އިއާދަކުރުމަށެވެ. ނުވަތަ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ހަނިމާދޫގައި 180 ހައުސިން ޔުނިޓް ބިނާކޮށް، ހިރިމަރަދޫ ރައްޔިތުން އެ ރަށަށް ބަދަލުކޮށްދިނުމަށެވެ. ހަނިމާދޫގައި ގެތައް އެޅުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނުނިމިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އެ ޕާޓީން ފާހަގަކުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 17 މޭ 2026 އިން ފެށިގެން ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ ރަށުގެ ކައުންސިލް އުވާލައްވާފައެވެ. އަދި އެ ރަށުގެ އިދާރީ ކަންކަން މިހާރު ވަނީ ހަނިމާދޫ ކައުންސިލާ ހަވާލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ