ގައުމު ވައްޓާލި އަނދަވަޅުން ސަލާމަތްކުރަން ރައީސް ދަނީ ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުން: ފަލާޙް

ގައުމު ވައްޓާލި އަނދަވަޅުން ސަލާމަތްކުރަން ރައީސް ދަނީ ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުން: ފަލާޙް

Author
އަހުމަދު
03 ސެޕްޓެމްބަރ 2026 02:50
0

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ވަޒީރުކަމުގައި މި ގައުމު ވައްޓާލި އަނދަވަޅުން ސަލާމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރެޔާ ދުވާލު ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ، އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މި ސަރުކާރު އައި ފަހުން ރައްޔިތުން ބޮޑުތަނުން ފަގީރުވެފައިވާ ކަމަށާއި، 10،000 ރުފިޔާއަށް ކުރިން ގަނެވުނު ތަކެތި މިހާރު ގަންނަން ޖެހެނީ 20،000 ރުފިޔާއަށް ކަމަށާއި، 2023 ވަނަ އަހަރާ އަޅާބަލާއިރު ކޮންމެ ރައްޔިތަކު ގާތްގަނޑަކަށް 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް ފަގީރުވެފައިވާ ކަމަށް އަމީރު ވިދާޅުވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާޙް ވިދާޅުވީ، ރައްޔިތުންނަށް އުފާ ފާގަތިކަން ހޯއްދަވައި ދެއްވުމަށް، ދުވަހަކުވެސް ވެރިޔަކު ނުކުރައްވާހާ ބުރަކޮށް، އިޚްލާސްތެރިކަމާއެކު ރައީސް މުޢިއްޒު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރައީސް ނަޝީދު އަމީރާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ ތެދު ވާހަކަފުޅުތަކެއް ކަން ފާހަގަކުރައްވައި، އަމީރުގެ ވަޒީރުކަމުގައި ކުންފުނިތަކާއި މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓުތަކަށް ބަލައިލުމުން ލޮލުން ކަރުނަ ހިފެހެއްޓުމަށް އުނދަގޫވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަލާޙް އިތުރަށް ވިދާޅުވީ، އަމީރު އެފަދަ ވާހަކަތައް ދައްކަވާތީ ބައެއް ފަހަރު ގަޔަށް ހޮޑުލެވޭހެންވެސް ހީވާ ކަމަށާއި، އޭނާ ކޮށްފައިވާ ވައްކަންތައް އޮއްބާލުމަށް މަސައްކަތްކުރެއްވި ނަމަވެސް، އެކަން ދެން ކާމިޔާބުވާނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.