ކޯވިޑް-19ގެ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ފޯރުކޮށްދޭނަން: އިންޑިއާ

ކޯވިޑް-19ގެ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ފޯރުކޮށްދޭނަން: އިންޑިއާ

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 12:18
0

ކޯވިޑް-19ގެ ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭނެކަމަށް އިންޑިއާއިން ބުނެފިއެވެ.

ކުޅިވަރު އެކުވެނީގައި ތަރައްޤީކުރި ސިންތެޓިކް ޓްރެކް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅަފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ އެންމެ ގާތް އެކުވެރިޔާކަމަށާއި، ކޯވިޑް-19 ޙާލަތުގައިވެސް މަސައްކަތްކުރަނީ އެންމެ ގާތުން ރާއްޖެއަށް އެހީތެރިވެދިނުމަށްކަމަށެވެ.

އިންޑިއާއަކީ ފާމަސޫޓިކަލް ނުވަތަ ބޭސްއުފައްދާ ބޮޑެތި ކުންފުނިތައް ހިންގަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، އިންޑިއާގެ ބޮޑުވަީރު ނަރެންދުރަ މޯދީ އެންމެ އިސްކަމެއްދެއްވާ އެއްކަމަކީ އަވަށްޓެރި ޤައުމުތަކަށް ކޯވިޑް ވެކްސިން ފޯރުކޮށްދިނުންކަމަށެވެ.

ރާއްޖެއަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނީ އިންޑިއާއިން. އެހެންކަމުން ކޯވިޑް-19ގެ ވެކްސިން ވަރަށް އަވަހަށް އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭނަން.

– އިންޑިއާ ސަފީރު ސަންޖޭ ސުދީރު

އިންޑިއާ ސަފީރު މިހެން ވިދާޅުވެފައިވާއިރު، ކޯވިޑް-19ގެ ވެކްސިން މިމަހުގެ 26 ގައި ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެންމެ ފުރަތަމަ ރާއްޖެއަށް ގެންނަނީ ކޮން ޤައުމެއްގެ ވެކްސިނެއްކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

އިންޑިއާއިން ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައިވާއިރު، އިންޑިއާގައި ދަނީ ދެ ވެކްސިނެއް އެޤައުމުގެ ރައްޔިތުންނަށް ދެމުންނެވެ. އެއެއް ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނެވެ. އެސްޓްރާޒެނެކާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިވެކްސިން އިންޑިއާގެ އަމިއްލަ ވެކްސިން ކުންފުންޏަކުންދަނީ އެގައުމުގައި އުފައްދަމުންނެވެ. ދެވަނަ ވެކްސިނަކީ އިންޑިއާގެ ބާރަތު ބައޯޓެކްގެ ކޯވެކްސިނެވެ. އެވެކްސިން މީހުންނަށް ދޭން އިންޑިއާގެ ކަމާއިބެހޭ އިދާރާއިން ހުއްދަދީފައި ވީނަމަވެސް ވެކްސިންގެ ތިންވަނަ މަރްހަލާގެ އަޖުމަބެލުންތަކެއް އަދި ނުނިމެއެވެ. އެހެންނަމަވެސް އިންޑިއާގެ ހެލްތު މިނިސްޓަރ ވިދާޅުވީ ކޮވިޑުން ރައްކާތެރިކޮށްދެވޭވަރަށް ބާރަތު ވެކްސިނުން ދިފާއީ ނިޒާމު ވަރުގަދަކޮށްދޭކަމަށާއި ސީރިއަސް ސައިޑްއިފެކްޓެއް ކުރިމަތިނުވާނަކަށެވެ.

ކޯވިޑް ވެކްސިން ރާއްޖެއަށް ގެނައުމަށްޓަކައި، ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ31 ވަނަ ދުވަހު ބުނެފައެވެ.

ކޯވިޑް-19 ގެ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރުން ސޮއިކުރަންޖެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޛުކުރުމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސުން ނެރެފައިވާ ޤަރާރުގައި ބުނެފައިވަނީ ޤަރާރު ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށްފައިވީހިނދު، އަދި އެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމުގައެވެ.

މި ވެކްސިންއަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިންއަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން، އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކަމުގައިވީހިނދު، އަދި ކޯވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ މަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.