ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށްފަހު ސިޔާސީ ދާއިރާ ދޫކޮށްލާނަން: އަދުރޭ

ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށްފަހު ސިޔާސީ ދާއިރާ ދޫކޮށްލާނަން: އަދުރޭ

Author
އަހުމަދު
29 އޮގަސްޓް 2026 10:47
0

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށްފަހު ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީގެ ޓީވީ ޗެނަލް، އެމްއެމްޓީވީގެ "އަރާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީގޮތުން ހާސިލުކުރައްވަން ބޭނުންވެވަޑައިގެންނެވި ގިނަ ކަންކަން މިހާރު ހާސިލުވެފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް ދެކެވަޑައިގަންނަވާ ހުވަފެނަކީ ރައީސް މުއިއްޒަކީ މި ނިޒާމުގެ ދަށުން ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާ ފުރަތަމަ ރައީސް ކަމުގައި ހެއްދެވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ހާސިލުކުރަން ވެސް ބޭނުން، އެކަމަށްޓަކާ މަސައްކަތް ކުރާނަން ފުރުސަތު ލިބުނު ވަރަކުން. އެ މަސައްކަތުގައި އަޅުގަނޑު ދެމި ހުންނާނަން. އޭގެ ފަހުން ދެން އަޅުގަނޑު ސިޔާސީ ކަންކަމާ ދުރަށް ދާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް ތައުރީފު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މުއިއްޒު ވެރިކަން ކުރައްވަނީ ގައުމުގެ މިނިވަންކަމާއި އިސްލާމްދީނަކީ ވަކިކުރެވެން ނެތް ދެ ކަންތައްކަން ދެނެވަޑައިގެން ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އައްސަވައިގެން ވެރިކަން ކުރައްވާ ހަމައެކަނި ރައީސަކީ މުއިއްޒު ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ވެރިކަން ފެށުނު އިރު ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅަކީ އަބްދުއްރަހީމް ނަމަވެސް، ފަހަކަށް އައިސް ދެ ބޭފުޅުންގެ ގުޅުން އެހާ ރަނގަޅު ނޫންކަމަށާއި ކަންކަމުގައި ރައީސް މަޝްވަރާ ނުކުރައްވާ ކަމަށް އަބްދުއްރަހީމް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.