މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޞަބްރީގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްފި

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޞަބްރީގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްފި

Author
އަހުމަދު
28 އޮގަސްޓް 2026 02:37
0

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އިސްމާއީލް ޞަބްރީ ޔައުގޫބުގެ މިލްކިއްޔާތުގައި ހުރި ގިނަ އަދަދެއްގެ ނަގުދު ފައިސާއާއި ރަން، އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އަށް ފުރިހަމައަށް ހާމަކޮށްފައި ނުވާ ކަމުގެ ދައުވާ ބުރާސްފަތި ދުވަހު އޭނާގެ މައްޗަށް އުފުލައިފި އެވެ.

ކުއާލަލަމްޕޫރު ސެޝަންސް ކޯޓުގައި ދައުވާ އިއްވުމުން، މަޖިލިސް މެންބަރު ކަންވެސް ކުރައްވާ ޞަބްރީ ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އޭނާ ދޫކޮށްލީ 300,000 ރިންގިޓްގެ ކަފާލާތެއްގެ ދަށުންނެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ސެޕްޓެމްބަރު 29 ގަ އެވެ.

ޞަބްރީގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގްގެ ތުހުމަތުތައް އަމާޒުވެފައިވަނީ، ސަރުކާރުގެ 700 މިލިއަން މެލޭޝިއަން ރިންގިޓް، އޭނާ އިއުލާނުކުރެއްވި "ކެލުއާގާ މެލޭޝިޔާ" ކެމްޕޭން އިޝްތިހާރު ކުރުމަށް ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތާ ގުޅިގެންނެވެ. މި ތަހުގީގުގައި އެމްއޭސީސީން ވަނީ 170 މިލިއަން ރިންގިޓްގެ ނަގުދު ފައިސާއާއި، 7 މިލިއަން ރިންގިޓްގެ އަގުހުރި 16 ކިލޯގެ ރަން އޭނާގެ އަތުން އަތުލައިގަނެ، އޭނާގެ ކުރީގެ ހަތަރު އޮފިސަރަކު ހައްޔަރުކޮށްފައެވެ.

އޯގަސްޓް 2021 އިން ނޮވެމްބަރު 2022 އަށް ބޮޑުވަޒީރުކަން ކުރެއްވި ޞަބްރީއަކީ، ނަޖީބު ރައްޒާގާއި މުހްޔިއްދީން ޔާސީންއަށްފަހު، ކޮރަޕްޝަނުގެ ތަހުގީގަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މެލޭޝިޔާގެ ތިންވަނަ ކުރީގެ ބޮޑުވަޒީރެވެ. ކުށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ނުވަތަ 100,000 ރިންގިޓްގެ ޖޫރިމަނާއެއް އައުން އެކަށީގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.