ޔަހޫދީ ދައުލަތުން ފަލަސްޠީނުގައި ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ދައުރު ފުޅާކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ސައުދި ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ، ފަލަސްޠީނުގެ ބިންތަކަކީ އެމީހުންގެ އަމިއްލަ މިލްކެއްކަމުގައި ޔަހޫދީ ދައުލަތުން ނިންމައި، އެ ބިންތައް ހިޞާރުކުރަމުންދާ ދިއުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ޔަހޫދީ ދައުލަތުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މި ބައްދަލުވުމަކީ ޤައްޒާގެ ސުލްހައިގެ މަގުޗާޓު ތަންފީޒުކުރުމަށް ޔަހޫދީ ދައުލަތުން ފާޅުގައި ދެކޮޅު ހަދަމުންދާތީ، ސައުދި ޢަރަބިއްޔާ އިސްވެ ބޭއްވި ބައްދަލުވުމެކެވެ. ވަޒީރު ވަނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށްވެސް ގޮވާލެއްވިއެވެ.
ބައްދަލުވުމުގެ ހަވާސާގައި ޚާރިޖީ ވަޒީރު ވަނީ ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ވާރްސެން އަޤަބެކިއަން ހިމެނޭގޮތަށް، އިސްލާމީ ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ފަލަސްޠީނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ތިބޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން 57 ޤައުމުގެ މައްޗަށް އެކުލެވިގެންވާ އޯއައިސީގެ މެންބަރު ޤައުމަކަށްވެފައި، މި ޖަމްޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޤައުމެކެވެ.
ކޮމެންޓު ފޮނުވާ