ފަލާޙު ޕްރީސްކޫލަށް 50 އަހަރު؛ ވެބްސައިޓު ރައީސް އިފްތިތާޙުކޮށްދެއްވައިފި

ފަލާޙު ޕްރީސްކޫލަށް 50 އަހަރު؛ ވެބްސައިޓު ރައީސް އިފްތިތާޙުކޮށްދެއްވައިފި

Author
އަހުމަދު
22 އޮގަސްޓް 2026 06:25
0

ފަލާޙު ޕްރީސްކޫލުގެ ރަސްމީ ވެބްސައިޓު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

އެ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވި ރަންޔޫބިލް ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ޖަލްސާގައި، ސްކޫލުގެ ޗީފް އެގްޒެކެޓިވް އަލްޤާރީ އަލްހާފިޡު ޢަބްދުއްސައްތާރު އަބޫބަކުރު ވަނީ ރައީސަށް ހަނދާނީ ފިލައެއް އަރުއްވާފައެވެ. އަދި ސްކޫލުގެ ޚިދުމަތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި ފަރާތްތަކަށާއި، ސްކޫލުގެ ލޯގޯ ފަރުމާކުރި ފަރާތްތަކަށްވެސް ހަނދާނީ ފިލައާއި ސެޓްފިކެޓު ޙަވާލުކުރެއްވިއެވެ.

ފަލާޙު ޕްރީސްކޫލަކީ، 1961 ވަނަ އަހަރު ރަޖިސްޓްރީކުރި ޖަމިއްޔަތުލް ފަލާޙުގެ ދަށުން ހިންގަމުން އަންނަ ސްކޫލެކެވެ. އެ ޖަމިއްޔާގެ ބާނީއަކީ މަރްޙޫމް އަބޫބަކުރު އިބްރާހީމެވެ. ޖަމިއްޔާގެ ދީނީ ޙަރަކާތްތައް ފުޅާވުމާއެކު، 1976 ވަނަ އަހަރުގެ ޖަނަވަރީ 20 ގައި "މަދަރުސަތުލް ފަލާޙް"ގެ ނަމުގައި ސްކޫލެއް އުފެއްދިއެވެ. މިއަދު "ފަލާޙު ޕްރީސްކޫލް"ގެ ނަމުން މަޝްހޫރު މި ސްކޫލުގައި މިހާރު ބޭބީ ނާސަރީއާއި ނާސަރީގެ ކްލާސްތައް ދެ ދަންފަޅިއަށް ކުރިއަށްގެންދާއިރު، 2015 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުން ދަނީ ޤައުމީ މަންހަޖާ އެއްގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.