ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި އެޗްޑީސީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 3.53 ބިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 6.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. ނަމަވެސް، 2023 ވަނަ އަހަރު 2.04 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު ކުންފުނީގެ ފައިދާ މިދިޔަ އަހަރުވެސް ވަނީ ދެ ބިލިއަނުގައި ހިފެހެއްޓިފައެވެ.
އެޗްޑީސީގެ ފައިދާ މި ފެންވަރުގައި ދެމެހެއްޓުނު މައިގަނޑު ސަބަބަކީ އިންވެސްޓްމަންޓް ޕްރޮޕަޓީގެ އަގު މައްޗަށް ދިޔުމެވެ. މި ބަދަލާ އެކު "ފެއާ ވެލިއު ގެއިން"ގެ ގޮތުގައި 1.36 ބިލިއަން ރުފިޔާ ފައިދާގެ ތެރެއަށް ވަނީ އިތުރުވެފައެވެ. މިއީ 2023 ވަނަ އަހަރު މި ގޮތުން ލިބުނު 950 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ. މީގެ އިތުރުން، އެހެނިހެން އާމްދަނީގެ ގޮތުގައި 1.88 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މީގެ ތެރެއިން 1.52 ބިލިއަން ރުފިޔާއަކީ އިންވެސްޓްމަންޓް ޕްރޮޕަޓީ ވިއްކުމާއި އަގު ކުރުމުން ލިބުނު ފައިދާއެވެ.
ހަމައެއާއެކު، ކްރިކެޓް ސްޓޭޑިއަމް ހެދުމަށް ކަނޑައަޅާފައިވާ ބިން ފަދަ ކުރިން އާމްދަނީ ނުލިބޭ ގޮތަށް ހުރި ބައެއް ބިންތައް، އާމްދަނީ ލިބޭ ބިންތަކުގެ ގޮތުގައި ބަދަލުކުރުމަށް ކުންފުނިން ނިންމުމާ ގުޅިގެން އިންވެސްޓްމަންޓް ޕްރޮޕަޓީގެ އަގަށް އިތުރު 1.3 ބިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ