ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން ހިތުން ކިޔެވުމުގެ މުބާރާތުން މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ފަޚުރުވެރި ހަތަރުވަނަ ހޯދައި، ދިވެހިރާއްޖެއަށް ތާރީޚީ ޝަރަފެއް ހޯދައިދީފިއެވެ.
މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ޝާޔާ މި ކާމިޔާބީ ހޯދިއިރު، އޭނާއަށް އިނާމެއްގެ ގޮތުގައި 170،000 ސައުދީ ރިޔާލް ލިބިފައިވެއެވެ. ސައުދީ ސަރުކާރުން ބާއްވަމުން އަންނަ މި މުބާރާތުގެ 46ވަނަ ފިޔަވަހީގައި ދުނިޔޭގެ 133 ޤައުމަކުން ބައިވެރިވި އިރު، މިއީ އަންހެން ބައިވެރިންނަށް ޚާއްޞަ ގޮތްޕެއް ހިމަނައިގެން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ނަތީޖާ އިއުލާނުކުރުމަށް މާތްވެގެންވާ މަސްޖިދުލްޙަރާމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. ރަސްމިއްޔާތުގައި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސާއި، ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ސައުދީ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާ އާއި އޭނާގެ އާއިލާއާ ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ޝާޔާގެ ކާމިޔާބީއަކީ މުޅި ދިވެހި އުއްމަތަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ