މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމްޕީބީ)ގެ ޑިޖިޓަލް މަންސަތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް އިފުތިތާޙުކޮށްދެއްވީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން "އެމްޕީބީ ޕްލަސް" އާއި އިންޓަރނެޓް ބޭންކިންގގެ ޚިދުމަތެވެ. މީގެ އިތުރުން، އެމްޕީބީގެ ފުރަތަމަ ބްރާންޗް ވެސް އިއްޔެ ވަނީ ހުޅުވާފައެވެ.
އެމްޕީބީ އަކީ ސައްތައިން ސައްތަ ދިވެހި، ޓިއަރ 1 ފެންވަރުގެ ބޭންކެކެވެ. އެ ބޭންކުން ބުނިގޮތުގައި، ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ބޮޑެތި ކުންފުނިތަކަށް ޒަމާނީ އަދި އިތުބާރު ހުރި މާލީ ޚިދުމަތްތައް ޑިޖިޓަލް މަންސައެއްގެ ތެރެއިން ފޯރުކޮށްދިނުމަކީ އެ ބޭންކުގެ މައިގަނޑު އަމާޒެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެއްބާރުލުންދީ، ބައިނަލްއަޤުވާމީ މާލީ ފުރުޞަތުތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް ބޭންކުން ހާމަކުރެއެވެ.
ރޭގެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރނަރ އަޙްމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމްޕީބީގެ ހިއްސާދާރު މުޙައްމަދު ޢަލީ ޖަނާޙްގެ އިތުރުން، ބޭންކުގެ ބޯޑު މެންބަރުންނާއި މާލީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ