ޓެކްސީ އެޕުގެ މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް

ޓެކްސީ އެޕުގެ މައުލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް

Author
އަހުމަދު
18 އޮގަސްޓް 2026 02:47
0

"މާލެ ޓެކްސީ ލައިން" އެޕްލިކޭޝަނުގެ މައުލޫމާތުތަކެއް ލީކުކުރި ކަމުގެ ތުހުމަތުގައި، އެމްޓީސީސީގެ މުވައްޒަފެއްގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފިއެވެ.

އެ އެޕުން ޚިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަންތައް ބަދަލުވެ، ޚިދުމަތް މެދުކެނޑުމަށްފަހު، އެޕް ބޭނުންކުރި އާންމުންގެ ނަމާއި، ފޯނު ނަންބަރާއި، ވޮލެޓް އައިޑީ އަދި އީމެއިލް އެޑްރެސް ފަދަ މައުލޫމާތު ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ.

އެމްޓީސީސީން ބުނީ، ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލުގެނެސް، ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއް ކަން، އެތެރޭގެ ތަހުގީގުން އެނގިފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައަކާއި ނުލައި، އަމިއްލަ، ޒާތީ އަދި ސިޔާސީ މަގުސަދެއްގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އައިސީޓީ ނެޓްވޯކް ސެކިއުރިޓީއަށް ފާހަގަވުމާއެކު، ވަގުތުން ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެސް ރައްކާތެރިކޮށްފައިވާ ކަމަށާއި، އެ މުވައްޒަފު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށް، ގަވައިދުތަކުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ. މީގެ އިތުރުން، ޓެކްސީ އެޕުން ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 150 އިލެކްޓްރިކް ވެހިކަލާއެކު، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް "މާލެ ޓެކްސީ ލައިން" އިފްތިތާހުކުރީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.