ސްޕެއިންގައި ފްލައިޓެއް ވެއްޓި ޕައިލެޓްކަން ކިޔަވަމުންދިޔަ ދިވެއްސަކަށް އަނިޔާވެއްޖެ

ސްޕެއިންގައި ފްލައިޓެއް ވެއްޓި ޕައިލެޓްކަން ކިޔަވަމުންދިޔަ ދިވެއްސަކަށް އަނިޔާވެއްޖެ

Author
ހުސެއިން
16 އޮގަސްޓް 2026 11:35
0

ސްޕެއިންގައި ޕައިލެޓްކަން ކިޔަވަމުންދިޔަ އުމުރުން 27 އަހަރުގެ ދިވެހި ދަރިވަރަކު ދަތުރުކުރި ފްލައިޓެއް ވެއްޓި، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ “ލަ ރިއޯޖާ”ގައި ބުނެފައިވާ ގޮތުން، މި ހާދިސާގައި ދިވެހި ދަރިވަރުގެ ބޮލަށާއި ތަނބިކަށްޓަށާއި ފައިގެ ކަށިގަނޑަށް އަނިޔާވެފައިވެއެވެ. އަދި އޭނާއާއެކު ފްލައިޓުގައި ހުރި އުމުރުން 26 އަހަރުގެ ފްލައިޓް އިންސްޓްރަކްޓަރުގެ ބޮލަށާއި ކަނދުރާގެ ކަށިތަކަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

ފްލައިޓް ވެއްޓިފައިވަނީ ވިއާނާގެ “އުލާގޯސާ” ނަމަކަށް ކިޔާ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށް، ގާތްގަނޑަކަށް 300 ފޫޓު މަތިންނެވެ. މިއީ އަގޮންސިއޯ އެއާޕޯޓުގައި “ޓަޗް އެންޑް ގޯ” ތަމްރީނުތަކެއް ހަދަމުންދިޔަ “ފްލައިބައި” ޕައިލެޓް ސްކޫލްގެ “ޓެކްނަމް 2006” މޮޑެލްގެ ދެ އިންޖީނު އެޅި މަތިންދާބޯޓެކެވެ. ބޯޓުގައި ތިބީ އުދުހުމުގެ 700 އަށް ވުރެ ގިނަ ގަޑިއިރު ހަމަކޮށްފައިވާ އިންސްޓްރަކްޓަރަކާއި، ތަމްރީނުގެ ފަހު މަރުހަލާގައި އުޅޭ ދަރިވަރެއް ކަމަށް ނޫހުގައިވެއެވެ.

ނަމަވެސް، “ލަ ރިއޯޖާ”ގައި އަނިޔާވީ ދިވެހި ދަރިވަރެއް ކަމަށް ބުނެފައިވީ ނަމަވެސް، އެހެން ދެ ނޫހެއްގައި ބުނެފައިވަނީ އަނިޔާވީ ޕާކިސްތާނުގެ ދަރިވަރެއް ކަމަށެވެ. މި ހާދިސާއާ ގުޅޭގޮތުން ދިވެހި ފޮރިން މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް، އަދި ވަނީ ލިބޭގޮތް ނުވެފައެވެ. ސްޕެއިންގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީން ވަނީ ހާދިސާ ތަހުގީގުކުރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.