ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ރައީސް މުއިއްޒު ހުޅުއްވައިދެއްވައިފި

ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ރައީސް މުއިއްޒު ހުޅުއްވައިދެއްވައިފި

Author
ހުސެއިން
16 އޮގަސްޓް 2026 09:35
0

ހއ. އުތީމުގައި ތަރައްޤީކޮށްފައިވާ “ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ހެނދުނު އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ހުޅުވައިދެއްވި މި ދޮރޯއްޓަކީ، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫއުގެ ދަށުން ތަރައްޤީކޮށްފައިވާ ބިނާއެކެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ވަޒީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި އެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ފަރުމާކޮށްފައިވަނީ ތަކުރުފާނުގެ ތާރީޚީ ޖިހާދު ރަމްޒުކޮށްދޭ ގޮތަށެވެ. ބިނާގައި ހިމެނޭ 6 ތަނބު ފަރުމާކޮށްފައިވަނީ ދިވެހި އެވޭލާ މިސްކިތްތަކުގެ ތަނބުތައް ނަކަލުކޮށްގެން ކަމަށާއި، މި ތަނބުތަކުން ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމަށްޓަކައި ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި 6 ބަތަލުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ދިވެހި ޤައުމިއްޔަތާއި ސަގާފަތް ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން، ޣާޒީ ބަންޑާރައިންގެ ހަނދާންތައް ހިމާޔަތްކުރުމަށް ހއ. އަތޮޅުގައި ކުރިޔަށްގެންދާ މި ޤައުމީ މަޝްރޫއުގެ އަމާޒަކީ ތަރިކަ ރައްކާތެރިކޮށް، ފަތުރުވެރިކަމާ ގުޅުވައިގެން އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.