އަމާން ޓަވަރުތައް ސަރަހައްދަށް ކުނި އަޅާ މީހުން ދެނެގަންނަން ސީސީޓީވީ ހަރުކުރަނީ

އަމާން ޓަވަރުތައް ސަރަހައްދަށް ކުނި އަޅާ މީހުން ދެނެގަންނަން ސީސީޓީވީ ހަރުކުރަނީ

Author
އަހުމަދު
13 އޮގަސްޓް 2026 03:31
0

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތައް ކައިރި ސަރަހައްދަށް ގަވާއިދާ ޚިލާފަށް ކުނި އަޅާ މީހުން ދެނެގަތުމަށްޓަކައި އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.

އެ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދަކީ ސާފުތާހިރު އަދި ރައްކާތެރި މާހައުލަކަށް ހެދުމުގެ ބޭނުމުގައި، މުޅި އެ ސަރަހައްދު ސީސީޓީވީ މެދުވެރިކޮށް މޮނިޓާ ކުރަން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުނި އަޅާ މީހުން ކެމެރާ މެދުވެރިކޮށް ވަގުތުން ދެނެގަނެވޭނެ ކަމަށާއި، އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެފްޑީސީން ވަނީ ދީފައެވެ.

އެފްޑީސީން ބުނިގޮތުގައި މިހާތަނަށް އެ ސަރަހައްދުން 670 ޓަނުގެ ކުނި ވަނީ ނަގާފައެވެ. މީގެ ކުރިން ހާމަކުރި ގޮތުގައި، ފާއިތުވި ނުވަ މަހުގެ ތެރޭގައި އެ ސަރަހައްދުން ކުނި ނައްތާލުމަށް 13.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިހާ ބޮޑު ޚަރަދެއް ކުރަން ޖެހުނު ސަބަބެއް ކަމަށް ވަނީ، ބައު ފަރުނީޗަރާއި އިމާރާތްކުރުމުގެ ސާމާނު ފަދަ ބޮޑެތި ކުނިތައް މަގުމައްޗަށް އުކާލުމާއި، ކުނި ވަކިނުކޮށް ބޭރުކުރުމުގެ މައްސަލައެވެ.

ހަލުވިކަމާއެކު އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގައި، ޚާއްސަކޮށް ދެވަނަ ފިޔަވަހީގައި، ކުނި މެނޭޖްކުރުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މި ކަން ހައްލުކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން އެފްޑީސީން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.