ދިހަ އަހަރުގެ ލޯބީގެ ގުޅުމަށްފަހު ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނީގެ ގޮށް ޖަހައިފި

ދިހަ އަހަރުގެ ލޯބީގެ ގުޅުމަށްފަހު ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނީގެ ގޮށް ޖަހައިފި

Author
އަހުމަދު
12 އޮގަސްޓް 2026 09:16
0

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރީގޭޒް، ދިހަ އަހަރު ދުވަހުގެ ގުޅުމަކަށްފަހު ކައިވެނި ކޮށްފިއެވެ.

ރޮނާލްޑޯގެ ޕަބްލިކް ރިލޭޝަންސް ޓީމުން ބުނި ގޮތުގައި، އޮގަސްޓް 11 ވީ އަންގާރަ ދުވަހު ކުރިއަށްދިޔަ މި ސިވިލް ހަފްލާއަކީ އެ ދެމަފިރިންގެ ފަސް ދަރިންނާއެކު ހަމައެކަނި އާއިލާގެ މީހުންނަށް ޚާއްޞަކުރެވިގެން ބޭއްވުނު އަމިއްލަ ހަފްލާއެކެވެ. ހަފްލާ ބޭއްވުނީ ޕޯޗުގަލްގެ ވެރިރަށް ލިސްބަން ކައިރީގައި އޮންނަ އައްސޭރިފަށުގެ ރީތި ރަށެއް ކަމަށްވާ ކަސްކާއިސްގައެވެ. ޕޯޗުގަލްގެ މީޑިއާތަކުން މި ކައިވެންޏަށް ދީފައިވަނީ "އަހަރުގެ ކައިވެނި" ގެ ލަގަބެވެ.

ކައިވެންޏަށްފަހު ދެ ފަރާތުން ވެސް އެމީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުގައި، ކައިވެނީގެ އަނގޮޓި އަޅައިގެން ތިބި ފޮޓޯއެއް ހިއްސާކުރިއެވެ. ޖޯޖީނާގެ އަތްމަތީގައި ރޮނާލްޑޯ އަތް ބާއްވައިގެން ހުރި މި ފޮޓޯއަށް ފޮނުވާލިތާ ފުރަތަމަ 30 މިނެޓު ތެރޭގައި ތިން މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ. މި ދެ ފަރާތުން އެންގޭޖުވިކަން އިއުލާނުކުރީ ވެސް ހަމަ މިދިޔަ އަހަރުގެ އޮގަސްޓް 11 ގައި ކަން ފާހަގަކޮށްލެވެއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ އާއި ޖޯޖީނާ ބައްދަލުވި ގޮތުގެ ވާހަކައަކީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ވާހަކައެކެވެ. ފުރަތަމަ ދެ ފަރާތް ދިމާވީ މެޑްރިޑްގައި ހުންނަ ގުޗީ ފިހާރައަކުންނެވެ. އޭރު ޖޯޖީނާ އެ ފިހާރައިގައި ސޭލްސް އެސިސްޓެންޓަކަށް މަސައްކަތްކުރި އިރު، ރޮނާލްޑޯ ކުޅެމުންދިޔައީ ސްޕެއިންގެ ރިއާލް މެޑްރިޑަށެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ ސްޕޯޓިން ލިސްބަން، މެންޗެސްޓާ ޔުނައިޓެޑް، ރިއާލް މެޑްރިޑް، ޔުވެންޓަސް އަދި މިހާރު ކުޅެމުންދާ ސައުދީ އަރަބިއްޔާގެ އަލް ނަސާރަށް ކުޅެ، ކެރިއަރުގައި 1،000 އަށްވުރެ ގިނަ ގޯލު ޖަހާފައިވާ ފުރަތަމަ ކުޅުންތެރިޔާއެވެ. މީގެ އިތުރުން ޕޯޗުގަލްގެ ގައުމީ ޓީމާއެކު ރެކޯޑް މިންވަރަކަށް ހަ ވަނަ ވޯލްޑް ކަޕުގައި ދާދިފަހުން ވަނީ ކުޅެފައެވެ.

ކައިވެންޏަށްފަހު މާ ގިނަ ދުވަހެއް އަރާމުކުރުމުގެ ފުރުސަތެއް ރޮނާލްޑޯއަކަށް ނެތެވެ. އޭނާ ކުޅެމުންދާ އަލް ނަސާރުގެ ދާޚިލީ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.