ތުއްތު ކުއްޖާ ދައުލަތަށް ނެގީ ގާނޫނާ އެއްގޮތަށް: މިނިސްޓްރީ

ތުއްތު ކުއްޖާ ދައުލަތަށް ނެގީ ގާނޫނާ އެއްގޮތަށް: މިނިސްޓްރީ

Author
އަހުމަދު
11 އޮގަސްޓް 2026 07:39
0

އުފަންވިތާ ތިން ދުވަސްވީ ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ގާނޫނުގައި ބުނާ ހުރިހާ އިޖުރާއަތެއް ފުރިހަމަކުރުމަށް ފަހު، އެ ކުއްޖާ އާއިލާގެ ތެރެއިން ރައްކާތެރިކަން ކަށަވަރު ނުވުމުން ކަމަށް، ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވި މި މައްސަލައާ ގުޅިގެން މިނިސްޓްރީން ބަޔާނެއް ނެރުނީ، އުމުރުން 25 އަހަރުގެ މަންމަ އޭނާގެ ދަރިފުޅު ދައުލަތުން ގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރުމުންނެވެ. ނަފްސާނީ މައްސަލައަކާއި އަތުގެ ނުކުޅެދުންތެރިކަމެއް ހުރުން ސަބަބަކަށް ދައްކައި، ވިހޭތާ ތިން ވަނަ ދުވަހު އޭނާގެ ނުރުހުމުގައި ދަރިފުޅު ގެންދިޔައީ ކަމަށް މަންމަ ބުނެފައިވެ އެވެ.

މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރި ގޮތުގައި، ކުޑަކުއްޖަކާ ގުޅޭ ގޮތުން ނިންމާ ކޮންމެ ނިންމުމެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އެ ކުއްޖާގެ މަސްލަހަތަށެވެ. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާއިން ލާޒިމުކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. ހަމައެއާ އެކު، ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، އާއިލާ އާއި ޖަމާއަތާއި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނަށް ލިބިދޭ ހައްގެއް ކަމަށް ބުނެފައި އޮންނަކަން ވެސް ހަނދާންކޮށްދިނެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނެގުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެޅޭ އެންމެ ފަހު ފިޔަވަޅު ކަމަށާއި، މީގެ ކުރިން މައިންބަފައިންގެ ގާތުގައި ކުއްޖާ ބެހެއްޓޭނެ ގޮތެއް ހޯދުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ. މައިންބަފައިންގެ ގާތުގައި ބެހެއްޓެން ނެތްނަމަ، އާއިލާގެ ތެރެއިން ރައްކާތެރިކަން ދެވޭނެ އެހެން މީހަކު ހުރިތޯ ވެސް އެންމެ ފުރަތަމަ ބަލާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ކުޑަކުދިންނާ ގުޅިގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނީ ކުއްޖެއްގެ އާއިލާގެ ތެރެއިން ކުއްޖާއަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައިކަމާއި، އަދި ކުއްޖެއް ވަށައިގެންވާ އެންމެހާ ހާލަތްތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށްގެންނޫން ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުނެގޭނެ ކަން ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.

ނަމަވެސް ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރު ނުވާ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އެ ކުއްޖާ ހުރި މާހައުލުން ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ ވެސް ވަގުތުން އެޅިދާނެ ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މިފަދަ ހާލަތްތަކުގައި ކުއްޖާ ބެލެހެއްޓުން ވަގުތީ ގޮތުން އެހެން ފަރާތަކާ ހަވާލުކުރުމުގެ ޚިޔާރު ވެސް އޮންނާނެ ކަމަށް ބުންޏެވެ.

ތުއްތު ކުއްޖާ ދައުލަތަށް ނެގި ސަބަބުތައް ބަޔާންކޮށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ކުއްޖާގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ކައިވެންޏަކުން ބޭރުގައި ލިބުނު އެ ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލާއި، ނަފްސާނީ ހާލަތާއި، އަތުގެ ނުކުޅެދުންތެރިކަމާއި، އަޅާލާނެ އާއިލީ ބަޔަކު ނެތުމަކީ މި ނިންމުމުގެ އަސާސް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ނާޒުކު ހާލަތުގައި ދިރިއުޅޭ ކުޑަކުދިންނާއި މީހުންނާ ބެހޭ ސައްހަނޫން ޚަބަރު މީޑިއާގައި ދައުރުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކުރަމުން، މިފަދަ މައުލޫމާތު ފެތުރުމުގައި ސަމާލުވުމަށް މިނިސްޓްރީން އިލްތިމާސްކުރި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.