ރާއްޖޭގައި ފަސް އަހަރު ތެރޭ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއުގެ ދަށުން މިހާތަނަށް 1.8 މިލިއަން ގަސް އިންދާފައިވާ ކަމަށް މޫސުމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ގޮތުގައި ފެއްޓެވި މި މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް ފެއްޓެވި މި މަޝްރޫއު ފުރަތަމަ ފަހަރަށް ދުނިޔެއަށް އިއުލާނު ކުރެއްވީ، ޔޫއޭއީގެ ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގައި އެ މަނިކުފާނު ދެއްވި ގައުމީ ބަޔާނުގައެވެ.
މިއަދު އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައުންސިލްތަކާއި، ސަރުކާރު ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތައް ގުޅިގެން މި މަސައްކަތް ފުޅާ ދާއިރާއެއްގައި ދަނީ ކުރިއަށެވެ. މީގެ އިތުރުން، މަޝްރޫއަށް ބޭނުންވާ ގަސްތައް އުފެއްދުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ބިޔަ ނާސަރީއެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ހިނގަމުންނެވެ.
ހަމައެއާއެކު، އިތުރު 10 ނާސަރީއެއް ގާއިމްކުރުމަށް ބަޔަކާއެކު ސޮއިކޮށް، އެ ނާސަރީތަކުގެ އަމަލީ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. ދިގު މުއްދަތެއްގައި މި މަޝްރޫއު ދެމެހެއްޓުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން 10 އެގްރޯފޮރެސްޓްރީ ފާމް ގާއިމް ކުރުމަށްވެސް ވަނީ ނިންމާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް ފެހިކަން ގެނައުމުގެ މި ގައުމީ މަސައްކަތަށް އެހީތެރިވުމަށް އަވަށްޓެރި ބައެއް ގައުމުތަކުންވެސް ވަނީ ނިންމައިފައެވެ.
ކޮމެންޓު ފޮނުވާ