ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ނެރެފައިވާ މި ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. މެޓް އިން ބުނީ މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު މެންދުރު 14:00 އަށް ކަމަށެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރުކުރުމާއެކު ގުގުރާނެ ކަމަށެވެ.
ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައި ވަނީ ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން، އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައިގަދަވުންވެސް އެކަށީގެންވާ ކަމަށް މެޓް އިން ބުނެއެވެ.
ފާއިތުވި ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ވަރަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މެޓް އިން ކުރިން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކެރީގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ