ސީ-ޓު-އެއަރ ކާގޯ ހިދުމަތް މެދުވެރިކޮށް ޖުލައި މަހު އެކަނިވެސް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ޖުލައި މަހު ބޭރުކުރި 633 ޓަނުގެ މުދަލަކީ އޭގެ ކުރީ މަހު ބޭރުކުރި 335 ޓަނާ އަޅާބަލާއިރު 88 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ކޮންޓެއިނަރުގެ އަދަދުން ބަލާނަމަ މިއީ 131 ޓީއީޔޫސް އެވެ.
ޖުލައި މަހުގެ ތެރޭގައި 6 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 10 ގައުމަކަށް ރާއްޖެއިން މުދާ ފޮނުވާފައިވާއިރު، މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ ބޭރުކުރި މަސް ވެސް މެއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނާ ގޮތުގައި، ޖުލައި މަހުގެ ތެރޭގައި ޖުމްލަ ޓްރާންޝިޕްމަންޓް ކާގޯގެ އަދަދު 2،000 ޓަނަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ އެއަރޕޯޓުގެ ތާރީހުގައި މަހެއްގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މުދާ އުފުލި ފުރަތަމަ ފަހަރެވެ.
ސީ-ޓު-އެއަރ ކާގޯ ހިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ވައިގެ މަގުން ދުނިޔޭގެ އެކި ގައުމުތަކަށް ފޮނުވުމަށް ފަހި ކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖެއަކީ ސަރަހައްދީ ލޮޖިސްޓިކްސް ހަބަކަށް ހެދުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ