މާފަންނު ސްޓޭޑިއަމް ސަރަހައްދުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޫކުރި ބިމުގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން ހަދާފައިވާ އިމާރާތް ހުސްކުރުމަށް އެ ކުންފުނިން އެފްއޭއެމާއެކު އެއްބަސްވެއްޖެއެވެ.
މި މައްސަލައިގެ އަސްލަކީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި، ފުޓްބޯޅަ އެރީނާއެއް އެޅުމަށް ސަރުކާރުން އެފްއޭއެމަށް ދިން ބިމުން 2،500 އަކަފޫޓުގެ ބައެއް ކުއްޔެއް ނުނަގާ 25 އަހަރަށް ފިއުޗާ ހޯމްސްއަށް ދޫކުރި ދޫކުރުމެވެ. އެބިން ދޫކުރީ 1.8 މިލިއަން ރުފިޔާގެ ކުނި އުކައިދިނުމުގެ ޚިދުމަތުގެ ބަދަލެއްގެ ގޮތުގައި ކަމަށް އޭރު ވަނީ ބުނެފައެވެ. ނަމަވެސް އޮއްޕޮގެ ކުންފުންޏާއެކު އެފްއޭއެމުން ރަސްމީ އެއްވެސް ލިޔެކިޔުމެއް ހަދާފައި ނުވާ ކަން ވަނީ ފާހަގަވެފައެވެ.
މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އެފްއޭއެމްގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެއްވެސް ގާނޫނީ އެއްބަސްވުމެއް ނެތި ދޫކޮށްފައިވާ އެ ބިމުގައި ހަދާފައިވާ އިމާރާތް ހުސްކުރުމަށް ފިއުޗާ ހޯމްސްއަށް ވަނީ އަންގާފައެވެ. މި މައްސަލައިގައި ފިއުޗާ ހޯމްސުން ސިވިލް ކޯޓަށް ދިޔައީ، އެކަށީގެންވާ ބަދަލެއް ނުލިބޭ ނަމަ އިމާރާތް ހުސް ނުކުރެވޭނެ ކަމަށް ބުނެއެވެ. ކޯޓުގައި އެ ކުންފުނިން ދެއްކި ވާހަކައަކީ އިމާރާތް ތަޅާލައިފި ނަމަ އިޔާދަނުކުރެވޭ ގެއްލުމެއް ލިބޭނެ ކަމަށާއި، އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތުން އެ ބަދަލު ދެވިދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ.
ސިވިލް ކޯޓުން ދެ ފަރާތުގެ ދެމެދު މަޝްވަރާކުރުމަށް ދިން ދެ ހަފުތާގެ މުއްދަތުގެ ތެރޭގައި، މި މައްސަލަ ހައްލުކުރުމަށްޓަކައި ޓޮމް ވެސް ހިމެނޭ ގޮތަށް އެފްއޭއެމްގެ އެކްސްކޯއިން ޚާއްޞަ ކޮމިޓީއެއް އުފެއްދިއެވެ. އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ފިއުޗާ ހޯމްސުން ވަނީ ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައި، އިމާރާތް ހުސްކުރުމަށް އެއްބަސްވެފައެވެ.
މި ނިންމުމަށް މަރުހަބާ ކިޔައި އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ދިވެހި ފުޓްބޯޅައިގެ ލެޖެންޑް އޮއްޕޮގެ ކުންފުނިން ނިންމި މި ނިންމުމުން ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް އެ ކުންފުނިން ދޭ އަހައްމިއްޔަތު ސާފުވެގެންދާ ކަމަށެވެ. އެ ތަން ދެން ބޭނުންކުރާނީ ފުޓްބޯޅައިގެ ތަރައްޤީގެ ކަންކަމަށް ކަމަށްވެސް ބުނެފައިވެއެވެ.
ފިއުޗާ ހޯމްސުން އެ ބިމުގައި ހަދާފައި ވަނީ ދެ ބުރީގެ ގުދަނެކެވެ. އެއީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އަދި މާލެ ސިޓީ ކައުންސިލުގެ ހުއްދައެއް، އަދި ފާސްކުރި ކުރެހުމެއް ވެސް ނެތި ހަދާފައިވާ ތަނެއް ކަން ކަމާ ބެހޭ އިދާރާތަކުން އެފްއޭއެމަށް އަންގާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ