މިސަރުކާރުން ތަރައްޤީކުރި އެކުވެނިި ސިންތެޓިކް ޓްރެކާއެކު ބައިނަލްއަޤްވާމީ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށް، ވަރަށް ބޮޑު އެހީއަކަށްވެ ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، މިއަދަކީ ރާއްޖޭގެ އެތުލީޓުންނަށް ވަރަށް އުފާވެރި ދުވަހަކަށް ވާނެކަން ޔަޤީންކުރައްވާކަމަށް ވިދާޅުވިއެވެ. މިއަދު ހުޅުވި ސިންތެޓިކް ޓްރެކަކީ، ރާއްޖޭގެ އެތުލީޓުން އެތައް އަހަރެއް ވަންދެން، ކުރަމުން އައި ޝަކުވާތަކަށް ލިބުނު، ކޮންމެވެސްވަރެއްގެ ޙައްލެއްކަމަށް ދެކެވަޑައިގަންނަވާކަމަށާއި، ކަސްރަތުކުރެއްވުމަށް މި ޓްރެކަށް ވަޑައިގަންނަވާ ބޭފުޅުންނަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް، މި ޓްރެކް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް މި ޓްރެކަށް މިގެނެވުނު ބަދަލުގެ ސަބަބުން، ރާއްޖޭގައި ބާއްވާ ޤައުމީ ކަސްރަތު މުބާރާތްތަކާއި، ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު، އެތައް ގުނައަކަށް ރަނގަޅު ވެގެންދާނެ. އަދި ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށްވެސް، ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ހައެއްކަ މަސްދުވަހުގެ ތެރޭގައި މި ޓްރެކް ތަރައްޤީކުރުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަމުން ރައީސް ވަނީ މި މަޝްރޫޢު ފުރިހަމަކުރުމުގައި، ލިބުނު އިންޑިއާގެ އެހީ ޚާއްޞާގޮތެއްގައި ފާހަގަކުރައްވާފައެވެ.

އަޅުގަނޑު ދެކޭގޮތުގައި މިއީ، ދޭދޭ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ދެމެހެއްޓުމަށް، ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާ. އެހެންކަމުން، ރާއްޖޭގެ ތަރައްޤީއަށާއި، ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގައި، ދެމުން އަންނަ އެހީތެރިކަމުގެ އަގުވަޒަންކޮށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، އިންޑިޔާ ސަރުކާރަށް، އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސްގެ ވާހަކަފުޅުގައި ވަނީ ކުޅިވަރަށް ގިނަ ދުވަސްތަކެއްވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރު ކުޅިވަރަށްކުރައްވާފައިވާ ޚިދުމަތްތަކުގެ ހަނދާން އައުކުރައްވާފައެވެ. އެގޮތުން ކުޅިވަރުގެ ތަރައްޤީއަށްޓަކައި އަޅާ ކޮންމެފިޔަވަޅެއް އަޅާއިރު، ދިވެހި ކުޅިވަރުގެ ބައްޕަ ކަމުގައިވާ އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ ނަންފުޅު، ހަނދާނަށް ގެންނަންޖެހޭނެކަމަށް ވިދާޅުވިއެވެ.
ސިންތެޓިކް ޓްރެކް ތަރައްޤީކޮށްފައިވާ ތަނުގައި މިހާރު ޤުދުރަތީ ވިނަ ދަނޑަކާއި، ސިންތެޓިކް ޓްރެކެއް އޮތަސް، މީގެ އަހަރުތަކެއް ކުރިން، މުޅި މި ސަރަޙައްދަކީ އޮށްގަލާއި އަކިރިއާއި ކަށިވެލީގެ ބިމެއްކަން ފާހަގަކުރައްވާ ކުރީގެ ހަނދާންތައް އައުކުރައްވަމުން ރައީސް ވިދާޅުވީ، އެދުވަސްވަރު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، ހަވީރުގެ ވަގުތުގައި ޒާހިރު ނަޞީރު އުޅުއްވަނީ އެ ސަރަޙައްދުގައިކަމަށެވެ.
ބައެއްފަހަރަށް، ވޮލީ ކުޅުންތެރިން ގޮވައިގެން، ބައެއް ދުވަސްވަރު ކްރިކެޓް ކުޅުންތެރިންނާއެކު، އަދި ބައެއް ދުވަސްވަރު އެތުލީޓުންނާއެކު. މަންޑި މުބާރާތްތަކާއި، ބަށި މުބާރާތައްވެސް، ޒާހިރު ނަޞީރުގެ ރޭއްވެވުމުގެ މަތިން ވަރަށް ގިނަ އަހަރުތަކެއް ވަންދެން ކުރިއަށްގެންދެވި.އާދެ، މިއަދު ރާއްޖޭގެ ކުޅިވަރު މިއޮތް ފެންވަރަށް ތަރައްޤީވެފައިވަނީ، މާގިނަ ވަސީލަތްތަކެއް ނެތް، މި ދެންނެވި ދަތި ދުވަސްވަރު، ޒާހިރު ނަޞީރު އިސްނަންގަވައިގެން ކުރެއްވި ބުރަ މަސައްކަތްތަކެއްގެ ސަބަބުންކަން ހަމަ ޔަޤީން. ރާއްޖޭގެ ކުޅިވަރުގެ ޙަޔާތުން ދުވަހަކުވެސް އެމަނިކުފާނުގެ ނަންފުޅު ފޮހެވިގެނެއް ނުދާނެ. އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އަޅުގަނޑު ދުޢާކުރަން.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސްގެ ވާހަކަފުޅުގައި މިއީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ޚާއްޞަ ތަނެއް ނޫންކަމަށާއި، މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އެންމެންގެ ޢާންމު ޞިއްޙަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މިއީ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ޚާއްޞަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެން ދެކޭ ހުވަފެންތައް، ޙަޤީޤަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން. އޭގެ އިތުރުން، ތޮއްޖެހިފައި އޮތް މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުން. މިއީ، ދޮށީ ޢުމުރުގެ ބޭފުޅުންނަށްވެސް، ރައްކާތެރިކަމާއެކު މިތަނުގައި ހިންގަވައި ކަސްރަތުކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއް. މިހާތަނަށް ކަސްރަތު ނުފަށްޓަވާ ބޭފުޅުންވެސް މިތަނަށް ވަޑައިގެން، ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް ވިދާޅުވީ، ޒުވާން ކުޅުންތެރިން، ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މިހާރު މަދެއްނޫންކަމަށާއި، އެހެން ނަމަވެސް، ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަށްވެސް ތަރައްޤީކުރެވިފައެއް ނެތްކަމަށެވެ ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް، އެކަށީގެންވާ މިންވަރަކަށް ތަރައްޤީ ކުރެވިފައެއް ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.
މާލޭގެ ފަތާ ޓްރެކްވެސް މިސަރުކާރުން ތަރައްޤީކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫޢު އަންނަ މަހުގެ ކުރީކޮޅު ނިމުމަކަށް އަންނާނެކަމަށެވެ. އޭރުން އެތަނުގައި ހުންނާނީ ހިޔާވެވޭނެ ގޮތަށް ހެދިފައިކަމަށާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިންގ ރޫމްތަކާއި، ފާޚާނާއާއި، ފެންވަރާނެ ތަންތަން އެތަނުގައި ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭރުން، އެތަން ބޭނުންކުރުމުގައި މިހާރު ދިމާވާ، ވަރަށް ގިނަ މައްސަލަތައް ޙައްލުވެ، އެތުލީޓުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އުއްމީދަކީ ސަރުކާރުން ޤާއިމުކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިޔުންކަމަށެވެ. އަދި ކުޅިވަރުގެ ޒަރީއާއިން، ޢާންމު ޞިއްޙަތަށް ރައްޔިތުން ދޭ ސަމާލުކަން އިތުރުވެގެން ދިޔުމަކީވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލީހް ވިދާޅުވިއެވެ.
މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އައު ސިންތެޓިކް ޓްރެކާއެކު ދުވުންތެރިންނަށާއި، އެތްލީޓުންނަށް ބޮޑޫ ކުރިއެރުމެއް ލިބޭނެކަމަށާއި، ބޮޑެތި މުބާރާތްތައްވެސް އެޓްރެކްގައި ބޭއްވޭނެކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. މި ޓްރެކުގައި ވެސް އެތުލެޓިކްސް އަށް ހާއްސަ ވަގުތުތަކެއް އޮންނާނެ ކަމަށާއި އެކަމަކު ކުރިއެކޭ އެއްގޮތަށް އާއްމުންނަށް ވެސް ދަތިކަމެއް ނެތި ޓްރެކް ބޭނުންކުރެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ