ސާފްގެ ރައީސްކަން ފަސްވަނަ ދައުރަކަށް ސޮލާހުއްދީނަށް، އެކްސްކޯއަށް ޝާފިއު

ސާފްގެ ރައީސްކަން ފަސްވަނަ ދައުރަކަށް ސޮލާހުއްދީނަށް، އެކްސްކޯއަށް ޝާފިއު

Author
އަހުމަދު
01 އޮގަސްޓް 2026 10:10
0

ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ (ސާފް) ގެ ރައީސްކަމަށް ބަންގްލަދޭޝްގެ ކާޒީ މުހައްމަދު ސޮލާހުއްދީން ފަސްވަނަ ދައުރަކަށް އިންތިހާބުކޮށްފި އެވެ.

ބޫޓާންގެ ވެރިރަށް ތިމްޕޫގައި މިއަދު ބޭއްވި ސާފްގެ ކޮންގްރެސްގައި، ސޮލާހުއްދީނާ ވާދަކުރައްވާނެ އެހެން ކެންޑިޑޭޓަކު ކުރިމަތިނުލެއްވުމުން، ވާދަވެރިކަމެއް ނެތި އޭނާ އަށް ވަނީ އެ މަގާމު ލިބިވަޑައިގެންފަ އެވެ. ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަން ވެސް ކުރިން އަދާކުރެއްވި، އުމުރުން 72 އަހަރުގެ ސޮލާހުއްދީން، ސާފްގެ އެންމެ އިސް މަގާމު ފުރުއްވަމުން ގެންދަވާތާ 2009 ވަނަ އަހަރުން ފެށިގެން މިހާރު 17 އަހަރު ވެއްޖެ އެވެ.

ސާފްގެ ނައިބު ރައީސްކަމަށް، ސްރީލަންކާ އެފްއޭގެ ރައީސް ޖަސްވާރު އުމަރު ވެސް އިންތިހާބުވެ ވަޑައިގަތީ ވާދަވެރި ކެންޑިޑޭޓަކާ ނުލަ އެވެ. އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގެ އަންހެން މެންބަރުގެ މަގާމަށް ބޫޓާން އެފްއޭގެ ޒިމްބިރީ ހޮވިވަޑައިގަތީ ވެސް އެ ގޮތަށެވެ.

އެކްސްކޯގެ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ނައިބު ރައީސް ހުސައިން ޝާފިއު ވެސް ވަނީ އިންތިހާބުކޮށްފަ އެވެ. މީގެ އިތުރުން، އޭއެފްސީގެ އެކްސްކޯގައި ސާފް ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުން، މިހާރު ވެސް އެ މަގާމުގައި ހުންނެވި އިންޑިއާގެ ޑރ. ޝާޖީ ޕްރަބާކަރަން، އޭއެފްސީގެ ދައުރު ނިމެންދެން އެ މަގާމުގައި ބެހެއްޓުމަށް ކޮންގްރެސްއިން ވަނީ ފާސްކޮށްފަ އެވެ.

ސާފްގެ އެކްސްކޯގައި ޖުމުލަ އަށް މެންބަރުން ތިއްބަވަ އެވެ. އެއީ ރައީސާއި ދެ ނައިބު ރައީސުންގެ އިތުރުން، އެކްސްކޯގެ ތިން މެންބަރުންނާއި، އަންހެން މެންބަރާއި، އޭއެފްސީގެ އެކްސްކޯގައި ސާފް ތަމްސީލުކުރައްވާ މެންބަރެވެ. މިއަދުގެ ކޮންގްރެސްގައި މަންދޫބުން އިންތިހާބުކޮށްފައި ވަނީ މީގެ ތެރެއިން ހަ މަގާމަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.