ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުރިހާ ޚިދުމަތެއް މިއަދުން ފެށިގެން ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލަށް ބަދަލުކޮށްފިއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، މީގެ ކުރިން ރޯޝަނީ ބިލްޑިންގގައި ދެމުން އައި ހުރިހާ ޚިދުމަތެއް ދެން ލިބޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާއިންނެވެ. އެ ޢިމާރާތް ހުންނަނީ ވެމްކޯގެ ހުޅުމާލޭ އޮފީހާ ޖެހިގެންނެވެ. ރޯޝަނީ ބިލްޑިންގގައި މީގެ ކުރިން ހެލްތު މިނިސްޓްރީއާއި ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ)ގެ އިތުރުން އެޗްޕީއޭ ވެސް ހިންގަމުން އައި ނަމަވެސް، ސިޓީ ހޮޓަލަށް ބަދަލުވި ފުރަތަމަ އިދާރާއަކީ އެޗްޕީއޭއެވެ.
މެންހެޓަން ގްރޭންޑް ހޮޓަލުގެ ބައެއް ފަންގިފިލާތައް ސަރުކާރުގެ އެހެން އިދާރާތަކާއި މީޑިއާ ވިލެޖު ހިންގުމަށް ދޫކުރުމަށް ވަނީ ނިންމައިފައެވެ. މީޑިއާ ވިލެޖު ޤާއިމުކުރަން ހަމަޖެހިފައި ވަނީ ހޮޓަލުގެ އެންމެ ތިރީ ފަންގިފިލާގައެވެ. އެ ވިލެޖުގައި ޖުމުލަ 34 ޖާގަ ހިމެނޭއިރު، މިހާރު ކުރިއަށްދާ ކުލަ ލުމާއި ޕާޓިޝަން ޖެހުމުގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެއެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އިނާޔަތްދީ މީޑިއާ ވިލެޖެއް ޤާއިމުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ހާމަކުރެއްވީ 2024ވަނަ އަހަރުގެ މޭ 3، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ ޚިޠާބެއްގައެވެ. އެއަށްފަހު އެ ޚިޔާލާ ބެހޭ ފުރަތަމަ މަޝްވަރާތައް ފެށީ އެ އަހަރުގެ އޮގަސްޓު މަހުގެ ކުރީކޮޅުއެވެ. ސިޓީ ހޮޓަލުގައި މީޑިއާ ވިލެޖު ހިމެނޭހެން ބައެއް ކޮލެޖުތައް ވެސް ޤާއިމުކޮށް، ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢު ދުބާއީގެ 'ޑީޕް ސީ ފުޑް ކޮމްޕެނީ’ގެ ދަށުން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓުމަންޓު ކުންފުނި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އޮގަސްޓު 20ގައެވެ.
ކޮމެންޓު ފޮނުވާ