މާލޭ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ 4 ދަރިވަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބުނީ ގޮތުގައި ބިލަބޮންގްއިން ޕޮޒިޓިވްވި 4 ދަރިވަރުންވެސް ޕޮޒިޓިވްވެފައިވަނީ ސްކޫލް މާހައުލުންނޫންކަމަށާއި، އެދަރިވަރުން ސްކޫލަށް ހާޒިރުވެފައި ނުވާކަމަށެވެ. އެހެންކަމުން އެ ސްކޫލުގެ އެހެން އެއްވެސް ދަރިވަރަކުވެސް އަދި މުވައްޒަފަކުވެސް ކަރަންޓީންވާން ޖެހިފައިނުވާކަމަށާއި، އެދަރިވަރުންގެ ކޮންޓެކްޓެއްވެސް ނެތްކަމަށް އެޗްއީއޯސީން ބުނެއެވެ.
ބިލަބޮންގްގެ ދަރިވަރުންތަކެއް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އަމީނިއްޔާ ސްކޫލުގެ ޓީޗަރަކުވެސް ވަނީ މިމަހުގެ 13ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެކޭސްއާއި ގުޅިގެން ކޮންޓެކްޓްވި ޓީޗަރުންތަކެއް ވަނީ ކަރަންޓީނުވެސްކޮށްފައެވެ.
އަމީނިއްޔާ ސްކޫލުން ޕޮޒިޓިވްވި ޓީޗަރާއި ކޮންޓެކްޓުވި އެހެން ޓީޗަރުން އޭނާއާ ދިމާވެފައިވަނީ ސްކޫލުން ބޭރުން ކަމަށްވާތީ އެ ސްކޫލުގެ އެއްވެސް އިތުރު ދަރިވަރަކުވެސް ކޮންޓެކްޓެއްގެ ގޮތުގައި ނުބެލެވޭނެކަމަށް އެޗްއީއޯސީން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ހއ.ދިއްދޫގައި ކަރަންޓީންގައި ހުރި ޓީޗަރަކުވެސް ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ.
ކޮމެންޓު ފޮނުވާ