ވައިގަދަވެ ނަގިލި ކެނޑި މާފުށީ ފަރަށް ސަފާރީއެއް އަރައިފި

ވައިގަދަވެ ނަގިލި ކެނޑި މާފުށީ ފަރަށް ސަފާރީއެއް އަރައިފި

Author
ޙަސަން މުޙައްމަދު
31 ޖުލައި 2026 06:16
0

މިއަދު ހެނދުނު ކ.މާފުށީ ފަރަށް ސަފާރީއެއް އަރައި، އޭގެ ބައިތައް ރަށުގެ ބަނދަރަށް ލައްގަން ފެށުމާއެކު އެ ތަކެތި ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން މައުލޫމާތުދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ވިލާގަނޑެއްގައި ވައިގަދަވި ވަގުތު ސަފާރީގެ ނަގިއްޔާއި ވާ ކަނޑައިގެން ގޮސް، އެ ރަށު ބަނދަރުގެ ބޭރުތޮއްޓަށް އަރައިގެންނެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:15 ހާއިރުއެވެ. ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާފުށީ ކައުންސިލުގެ ނައިބުރައީސް ހުސައިން އަމީލު ވިދާޅުވީ، ފަރަށް އެރި ސަފާރީގެ ބައިތައް ބަނދަރަށް ލައްގަމުންދާތީ، ބަނދަރު ސާފުކުރުމުގެ މަސައްކަތް ކައުންސިލާއި ފުލުހުންނާ ގުޅިގެން ރަށުގެ ރައްޔިތުން މިހާރު ފަށާފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު ސަފާރީގައި ތިބީ 6 ފަޅުވެރިން ކަމަށާއި، އެ އެންމެންގެވެސް ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުންވެސް ވިދާޅުވެއެވެ.

ކައުންސިލުން ބުނާ ގޮތުގައި، ފަރަށް އެރި ސަފާރީއަކީ މާފުށީ ފަޅުތެރޭގައި ބާއްވައިގެން ފުޅާދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދިޔަ ސަފާރީއެކެވެ.

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ގަދަވެ، ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ދަތުރުކުރާ އުޅަނދުފަހަރުގައި ލައިފް ޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް ހުރިތޯ ޗެކުކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރު މާބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަން ޖަހާފައި ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.