ހުޅުމާލޭގައި ބޮޑުވެފައިވާ ކުނީގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ހުޅުމާލެއިން ބިމެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފިއެވެ.
މި ކަން ޔަގީންކޮށްދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި އެކަށީގެންވާ ބިމެއް އެޗްޑީސީން މިއަދު ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި މިއީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިސްނެންގެވުމުގެ ދަށުން ކުރެވިގެންދިޔަ ކަމެއް ކަމަށާއި، މި ފިޔަވަޅުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގައި ކުނި ޖަމާވާން ފަށައި، ރައްޔިތުންގެ ޝަކުވާ ބޮޑުވެފައި މިވަނީ، ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ސައިޓަށް ކުނި ގެންދިއުމުގައި ހިފެހެއްޓުންތަކެއް ގެންގުޅެން ޖެހުމުންނެވެ. އެ ހާދިސާގައި 50 އަކަށް ޓަނުގެ ކުނި އަނދާފައިވާ ކަމަށާއި، އަދި ބައެއް ސަރަހައްދުތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުން މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ކުނި އުފުލާ ދަތުރުތައް މަދުކުރަން މަޖުބޫރުވި ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
އަނދާފައިވާ ކުނިތައް އދ. ކުނބުރުދޫގައި ހިންގާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، ވެމްކޯއިން ދަނީ ކުނި އުކާލުމުގެ އޮޕަރޭޝަން ކުރީގެ ހާލަތަށް އަނބުރާ ގެނައުމަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ