ހުޅުމާލޭގައި ތަރައްޤީކުރަން އެސްޓީއޯއިން ފަށާފައިވާ ސިޓީ ހޮޓާ ގަންނާނެ ބަޔަކު ނުވެއްޖެނަމަ އެތަން އެހެންކަމަކަށް ބޭނުންކުރަން ފަށާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް އެސްޓީއޯއިން ހުޅުމާލެއިން ބިމެއް ހޯދީ 2007 ވަނަ އަހަރުއެވެ. އަދި ރެޑިސަން ބްލޫ ހޮޓެލް ޗެއިން ހިންގާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެއްބަސްވުމެއް ޤާއިމްކޮށް ހޮޓާ ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެސްޓީއޯއިން ފެށީ 2012 ވަނަ އަހަރުއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ އެތަން ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އަދި އެތަން ވިއްކާލުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.
ރޭ ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، އެސްޓީއޯއިން ހުޅުމާލޭގަިއ ތަރައްޤީކުރާ ސިޓީ ހޮޓާގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެތަން ގަންނާނެ ފަރާތެއް ހޯދުމުގެ ބާރު އެޗްޑީސީއަށްވެސް ލިބޭނެގޮތަށް އެސްޓީއޯއާއެކު އެއްބަސްވުމަކަށް އައިސް ސޮއިކުރައްވާފައިވާކަމަށެވެ. އެހެންކަމުން އެތަން ތަރައްޤީކޮށް ނިންމާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސުހައިލް ވިދާޅުވިއެވެ. އެގޮތުން ބައެއް ފަރާތްތަކުން ޝަޢުޤުވެރިކަން ފާޅުކުރަމުން އަންނަކަމަށާއި، ނަމަވެސް ވަކި މުއްދަތަކަށް ބެލުމަށްފަހު، ވިއްކާ ނުލެވިއްޖެނަމަ އެތަން އެހެން ބޭނުނަމަކަށް އެތަން ބޭނުންކުރަން ފަށާނެކަމަސް ސުހައިލް ވިދާޅުވިއެވެ.
ހުޅުމާލޭގެ ރަނގަޅު ލޮކޭޝަނެއްގައި އެފަދަ ބިލްޑިންއެއް ހެދި، ބޭނުން ނުކުރެވި ހުންނާތީ އަޅުގަނޑުމެން މި ބަލަނީ ކައިރި މުސްތަގުބަލެއްގައި އެތަން ހޮޓަލެއްގެ ގޮތުގައި އޮޕަރޭޓްކުރާނެ ބަޔަކު ނުވެއްޖެއްޔާ އެހެން ބޭނުނަކަސްވެސްނަމަވެސް އެތަން ހިންގުމަށް.
– އެޗްޑީސޯގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު

އެ ހޮޓާ ތަރައްޤީކުރި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެފައިވަނީ، ރެޑިސަން ބްލޫ ހޮޓެލް ޗެއިން ހިންގާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު އެސްޓީއޯއިން ހަދާފައިވާ އެއްބަސްވުން އޮތްގޮތުން އެއްވެސް ފަރާތަކުން ހުޅުމާލޭގައި ތަރައްޤީކުރަން ފަށާފައިވާ ހޮޓާ ގަންނަން ބޭނުންނުވާކަމަށެވެ.
އަމުރު ވިދާޅުވީ އެއްބަސްވުން އޮތް ގޮތުން ހޮޓާ ޢިމާރާތްކުރުމުގެ މަސައްކަތް ނިމުމުން ހޮޓާ ހިންގަން ޙަވާލުކުރަންޖެހެނީ ރެޑިސަން ހޮޓެލްސްއާކަމަށެވެ. އަދި އެއްބަސްވުން އޮތްގޮތުން އެސްޓީއޯއަށް ލިބެނީ ހޮޓާ ހިންގައިގެން ލިބޭ އާމްދަނީގެ 12 އިންސައްތަ ކަމަށާއި ނަމަވެސް އެފައިސާވެސް ލިބޭނީ ރެޑިސަންއިން ހޮޓާ ހިންގައިގެން ފައިދާއެއްވަންޏާކަމަށް އަމްރު ފާހަގަކުރެއްވިއެވެ.
ސިޓީ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތަށް ތައިލެންޑުގެ އެގްޒިމް ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައެވެ. ނަމަވެސް ޢިމާރާތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ހޮޓަލުގެ މަސައްކަތް ހުއްޓާލިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން ދަނީ ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 250 އެނދުގެ ހޮޓާ ވިއްކާލުމަށް މަސައްކަތްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ