ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފަހަކަށް އައިސް އިއުލާން ކުރެއްވި ބޮޑު ތިން ހުށަހެޅުމާ މެދު އެފްއޭއެމުން މިހާތަނަށް ވަކި ގޮތެއް ނުނިންމާ ކަމަށް، އެ އެސޯސިއޭޝަނުގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީރު ވިދާޅުވެއްޖެ އެވެ.
ފީފާއިން މިދިޔަ އަންގާރަ ދުވަހު އިއުލާން ކުރި އެންމެ ބޮޑު އެއް ޕްލޭނަކީ، ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރީގެ ބައިތަކުން، އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމުގެ ޕްލޭނެވެ. އެގޮތުން "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ގެ ނަމުގައި ސެމީ ޕްރައިވެޓް ސަބްސިޑަރީ ކުންފުންޏެއް އުފައްދައި، އެ ކުންފުނި މެދުވެރިކޮށް ހިއްސާ ވިއްކައިގެން މި އަހަރު ނިމުމުގެ ކުރިން 4.2 ބިލިއަން ޑޮލަރު ހޯދުމަށް ފީފާއިން ވަނީ އަމާޒު ހިފައިފަ އެވެ. ޕްރޮޖެކްޓްގެ ޖުމުލަ ޓާގެޓަކީ 20 ބިލިއަން ޑޮލަރު ކަމަށް އެ އިދާރާއިން ބުނެ އެވެ.
ފީފާއިން ބުނީ ހިއްސާ ވިއްކާނީ ގަންނަ ފަރާތްތަކަށް ކުންފުނީގެ ކޮންޓްރޯލް ނުލިބޭ ގޮތަށް، ޝަރުތުތަކާ އެކު ކަމަށެވެ. ކުއްލި ގޮތަކަށް މި ޕްލޭން ފީފާއިން އިއުލާން ކުރީ، އިނގިރޭސި ވިލާތުގެ ދަ ޓައިމްސް އާއި ފައިނޭންޝިއަލް ޓައިމްސްއިން މިކަމާ ގުޅޭ ރިޕޯޓެއް އާންމު ކުރި ފަހުންނެވެ. ދަ ޓައިމްސްއިން ބުނި ގޮތުގައި ފީފާ އެންޓަޕްރައިޒަސްގެ ހިއްސާ ގަންނަން އުޅެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އިންވެސްޓްމެންޓް ކުންފުނި "ތުރައިވް ކެޕިޓަލް" އާއި، އެ ގައުމުގެ ނުފޫޒުގަދަ ބޭންކެއް ކަމަށްވާ ޖޭޕީ މޯގަން ޗޭސް ބޭންކުންނެވެ.
އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން ވަނީ، މި ޕްލޭން އިއުލާން ކުރި އިރު އެއްވެސް މަޝްވަރާއެއް ފީފާއިން ކޮށްފައި ނުވާ ކަމަށާއި، އެ ޕްލޭން އެނގުނީ އާންމުވި ހަބަރުތަކުން ކަމަށް ބުނެފަ އެވެ. ޕްލޭން ތަންފީޒު ކުރެވޭނީ ފީފާގެ މެންބަރު 211 ގައުމުގެ ތެރެއިން 50 ޕަސަންޓަށް ވުރެ ގިނަ އެސޯސިއޭޝަނުގެ ވޯޓު ލިބިގެންނެވެ. އޭގެ ކުރިން 38 މެންބަރުން ހިމެނޭ ފީފާގެ ކައުންސިލަށް ވެސް އެ ހުށަހެޅުން ހުށަހަޅާނެ އެވެ. ސެޕްޓެމްބަރު މަހު ބާއްވާ ކޮންގްރެސް އަށް ޕްލޭން ހުށަހަޅަން ނިންމާފައިވާ ކަމަށް، އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
އިންޑަޕެންޑެންޓް ނޫހުން ބުނި ގޮތުގައި، ފީފާގެ 211 މެންބަރު ގައުމަށް އިންފަންޓީނޯ އިއްޔެ ފޮނުއްވި ސިޓީއެއްގައި، ޕްލޭނަށް ވޯޓު ދޭ އެސޯސިއޭޝަންތަކަށް، އެއްފަހަރާ ދެވޭ 20 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ހަމަޖައްސައިދެއްވާނެ ކަމަށް ލިޔުއްވާފައިވެ އެވެ.
އިންފަންޓީނޯ އިއުލާން ކުރެއްވި ދެ ވަނަ ބޮޑު ހުށަހެޅުމަކީ، ވޯލްޑް ކަޕުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 64 އަށް އިތުރު ކުރުމެވެ. ނިމިދިޔަ ވޯލްޑް ކަޕުގައި ވާދަކުރީ 48 ޓީމެވެ. ދެން އޮންނަ ވޯލްޑް ކަޕުން ފެށިގެން، 16 ޓީމު އިތުރު ކުރަން ވިސްނަމުންދާ ކަމަށް އިންފަންޓީނޯ ވިދާޅުވި ނަމަވެސް، މި ހިޔާލާ ފުޓްބޯޅައިގެ ބައެއް އިދާރާތަކުން ދެކޮޅެވެ. މި ބަދަލު ވެސް ފާސް ކުރާނީ ފީފާގެ މެންބަރު ގައުމުތަކުގެ ވޯޓުންނެވެ.
ތިން ވަނަ ކަމަކީ، އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި، ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އިންފަންޓީނޯ އިއުލާން ކުރެއްވުމެވެ. އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ހުއްޓަސް، ގިނަ ގައުމުތަކުން ތާއީދު ކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިދިޔަ ޖޫން މަހު އަލް ޖަޒީރާއިން ބުނީ، އޭއެފްސީގެ މެންބަރު ގައުމުތައް ބަލްކުކޮށް، އިންފަންޓީނޯ އަށް ތާއީދު ކުރާކަން ހާމަކޮށްފައިވާ ކަމަށެވެ.
"ތިއިން އެއްވެސް ކަމަކާ ގުޅޭގޮތުން ރަސްމީ އެއްވެސް ނިންމުމެއް އަދި ނުނިންމާ،" އެފްއޭއެމުގެ އިންޓަނޭޝަނަލް ރިލޭޝަން މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ ޒަރީރު ވިދާޅުވި އެވެ. އޭނާ ޔަގީންކަން ދެއްވީ، ފީފާ އެންޓަޕްރައިޒަސްގެ ޕްލޭނާއި، ވޯލްޑް ކަޕުގެ ޓީމުތައް 64 އަށް އިތުރު ކުރުމާއި، އިންފަންޓީނޯ އަށް ހަތަރު ވަނަ ދައުރަކަށް ތާއީދު ކުރުން ވެސް ހިމެނޭ ގޮތަށެވެ.
ކޮމެންޓު ފޮނުވާ