ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި މިއަދު ދުވި ޒިވާ މޫސާ ޝަފީއު، އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
ޒިވާ އެ ރެކޯޑް ހެދީ މުބާރާތުގެ ފުރަތަމަ ހީޓުގައި 24.67 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ޓައިމިންއާ އެކު އޭނާ ހީޓް ނިންމާލީ ފަސް ވަނައިގަ އެވެ. މީގެ ކުރިން މި އިވެންޓުގެ ގައުމީ ރެކޯޑަކީ 2022 ވަނަ އަހަރު ގައުމީ މުބާރާތުގައި އައިޝަތު ހިމްނާ ހަސަން ދުވި 24.90 ސިކުންތެވެ. ހިމްނާ އެ ރެކޯޑް މުގުރާލީ، 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވި ހޫނު މޫސުމުގެ އޮލިމްޕިކް ގޭމްސްގައި އަފާ އިސްމާއިލް 24.96 ސިކުންތުން ދުވެ ހަދާފައި އޮތް ރެކޯޑެވެ.
ހަމަ އެ އިވެންޓުގައި ވާދަކުރި އަހްނާ ނިޒާރާއި އާމިނަތު ލަޔާނާ މުހައްމަދު ވެސް ވަނީ ޕާސަނަލް ބެސްޓް ޓައިމިން އާ ކޮށްފަ އެވެ. ހަތަރު ވަނަ ހީޓުގައި 24.75 ސިކުންތުން ދުވެ އަހްނާ ހީޓުގެ ހަ ވަނަ ހޯދިއިރު، ފަސް ވަނަ ހީޓުގައި ދުވި ލަޔާނާ 25.85 ސިކުންތުގެ ޓައިމިންއަކާ އެކު ނިންމީ ހަ ވަނައިގަ އެވެ.
ފިރިހެނުންގެ 200 މީޓަރު ދުވުމުގައި ރާއްޖެ ތަމްސީލުކުރި ހަސަން ސާއިދާއި، އާދަމް ރިއްފަތު އަދި ހުސެއިން ޒީކް ސުއާދު ވެސް ވަނީ މިއަދު ދުވެފަ އެވެ. ފުރަތަމަ ހީޓުގައި 22.10 ސިކުންތުން ދުވެ ސާއިދު ހަތަރު ވަނަ ހޯދިއިރު، ހަތް ވަނަ ހީޓުގައި ރިއްފަތު 22.13 ސިކުންތުން ދުވެ ނިންމީ ހަތް ވަނައިގަ އެވެ. އަދި ނުވަ ވަނަ ހީޓުގައި ދުވި ޒީކް 22.29 ސިކުންތުން ރޭސް ނިންމައި ހަ ވަނަ ހޯދި އެވެ. މި ތިން ދުވުންތެރިންނަށް ވެސް ޕާސަނަލް ބެސްޓަށް ވުރެ ރަނގަޅު ޓައިމިންއެއް ނުނެރެވުނެވެ.
ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް 20.75 ސިކުންތާ އެކު އޮންނަނީ ސާއިދު އަތުގަ އެވެ. އޭނާ އެ ރެކޯޑް ހެދީ 2016 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި އިންޑިއަން ގްރޯން ޕްރީގަ އެވެ. މި އަހަރު ސާއިދުގެ އެންމެ ރަނގަޅު ޓައިމިންއަކީ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ފައިނަލްގައި ދުވި 21.48 ސިކުންތެވެ. ހަމަ އެ މުބާރާތުގައި ރިއްފަތު ވަނީ 21.86 ސިކުންތުން ދުވެ ޕާސަނަލް ބެސްޓް ހަދާފަ އެވެ. ޒީކުގެ ޕާސަނަލް ބެސްޓް ޓައިމިންއަކީ ހަމަ އެ ފައިނަލްގައި ދުވި 22.25 ސިކުންތެވެ.
ކޮމެންޓު ފޮނުވާ