ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް މަސްތުވާތަކެއްޗާއެކު ވަންނަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ޅ. ނައިފަރު، ފުންވިލު، ޒައިދު މުހައްމަދު އެވެ.
ފުލުހުން ބުނިގޮތުގައި ޒައިދު ހައްޔަރުކުރީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މި ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، އޭގެ ބަރުދަނުގައި 7.2 ގްރާމު ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޒައިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.
ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކަކީ އަނިޔާ ލިބިފައިވާ ކުޑަކުދިންނާއި، އާއިލީ މައްސަލަތަކުގައި ޙިމާޔަތް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދޭ މުއައްސަސާތަކެއް ކަމުން، މިފަދަ މަރުކަޒަކަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރުމަކީ ކަންބޮޑުވުން ބޮޑު މައްސަލައެއް ކަމުގައި ބެލެވެ އެވެ.
ކޮމެންޓު ފޮނުވާ