ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަކޮށް، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ކަނޑުތަކުގައި ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނަކަށް ރާޅު ނަގާނެ ކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުޞަތު އޮތުމުން، މުދަލަށާއި ތަކެއްޗަށް ގެއްލުން ލިބިދާނެ ފަދަ ޙާލަތްތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި ތޭރަ މޭލާ ދެމެދުގެ ބާރުމިނުގައެވެ. ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ތިރީސް މޭލަށް ވައި ގަދަވެދާނެ ކަމަށްވެސް ބުނެފައިވެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑު ގަދަވެދާނެ ކަމުގެ އިންޒާރުވެސް އެ އިދާރާއިން ވަނީ ދީފައެވެ.
ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑަށް ވާރޭ ވެހިފައިވަނީ ކ. ދިއްފުށި، ށ. ފުނަދޫ، ބ. ދަރަވަންދޫ އަދި ރ. އިފުރަށެވެ.
ކޮމެންޓު ފޮނުވާ