އުދައިގެ ނުރައްކާ ބޮޑުވެދާނެ؛ މުޅި ރާއްޖެއަށް ނެރެފައިވާ ހުދު އެލާޓް ދަންމާލައިފި

އުދައިގެ ނުރައްކާ ބޮޑުވެދާނެ؛ މުޅި ރާއްޖެއަށް ނެރެފައިވާ ހުދު އެލާޓް ދަންމާލައިފި

Author
އަހުމަދު
27 ޖުލައި 2026 11:21
0

އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ނެރެފައިވާ ހުދު އެލާޓް، މާދަމާ މެންދުރު ފަހު 2:30 އާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ދަންމާލައިފި އެވެ.

މެޓް އޮފީހުން ފުރަތަމަ ނެރުނު އެލާޓަކީ މިއަދު ހެނދުނު 10:30 އިން މެންދުރު ފަހު 3:00 އާ ދެމެދު އުދަ އަރާނެ ކަމަށް ލަފާކޮށް ނެރުނު އެލާޓެކެވެ. އެ މުއްދަތު ހަމަވިއިރު އުދައިގެ ރިޕޯޓެއް ފާހަގަކުރެވިފައި ނުވި ނަމަވެސް، މިހާރު އެ އެލާޓް ވަނީ މިރޭ 10:00 ން ފެށިގެން މާދަމާ މެންދުރު ފަހު 2:30 އާ ހަމައަށް ދިގު ދަންމާލައިފަ އެވެ. މީގެ ކުރިން، އިއްޔެ މެންދުރު ދިޔަވަރު ބޮޑުވި ވަގުތު މާލެއަށް އުދަ އަރައި ގެއްލުންތަކެއް ލިބުނެވެ.

އުދައިގެ ނުރައްކާ އިތުރަށް ބޮޑުވެދާނެ ކަމަށް ބެލެވެނީ މާދަމާ އަކީ "ބަކް މޫން" ގެ ނަން ދީފައިވާ ފުރިހަމަ ހަނދު އަރާ ދުވަސް ކަމަށް ވެފައި، ހަނދު އާންމު ދައުރުވުމަށް ވުރެ ދުނިޔެއާ ކައިރިން ދައުރު ކުރާނެތީ އެވެ. މާދަމާ ފެންނަ ހަނދު، އާންމުކޮށް ފެންނަ ފުރިހަމަ ހަނދަކަށް ވުރެ ހަތް ޕަސެންޓް ބޮޑުވާނެ ކަމަށާއި، މި މަންޒަރު ބެލުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި މި ހަނދަށް ސަމާލުކަން ވަނީ ލިބިފަ އެވެ. ހަނދާއި ދުނިޔޭގެ ދުރުމިން ކައިރިވުމުގެ ސަބަބުންނާއި، ހުޅަނގު މޫސުމުގެ ވައި ބާރުވުމުގެ ސަބަބުން މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިކަމުގައި މެޓް އޮފީހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

މާލެ ސަރަހައްދުގެ ކަނޑުގެ ލެވެލްއަށް ބަލާއިރު، އިއްޔެ ދިޔަވަރު އެންމެ ބޮޑުވީ މެންދުރު 12:02 ގައި، 0.95 މީޓަރަށެވެ. މިއަދު އެންމެ ބޮޑުވާނީ މެންދުރު 12:53 ގައި، 0.81 މީޓަރަށެވެ. ފުރިހަމަ ހަނދު އަރާ ބުދަ ދުވަހު (29 ޖުލައި) ދިޔަވަރު އެންމެ މައްޗަށް އަރާނީ މެންދުރު ފަހު 1:40 ގައި، 0.98 މީޓަރަށެވެ.

ބައެއް މޮޑެލްތަކުން ދައްކާ ގޮތުގައި ހުޅަނގުގެ ވައި ގަޑިއަކު 30 މޭލަށް ބާރުވެ، ކަނޑުގެ ރާޅުތަކުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދަށް އުފުލޭނެ އެވެ. ބާރުގަދަ ރާޅުތަކާއި ބޮޑުދިޔަ އެއްވަގުތެއްގައި ދިމާވުމުން، ބުދަ ދުވަހުގެ މެންދުރު 1:00 އިން ހަވީރު 2:30 އާ ދެމެދަކީ އުދަ އެރުމުގެ ފުރުސަތު އެންމެ ބޮޑުވާނެ ވަގުތު ކަމަށް ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.