ކ. މާފުށީގައި ޕެރެސެއިލިން ކުރަން އުޅުނު މީހެއްގެ ވައިކުޑަ ފަޅައިގެންގޮސް، މޫދަށް ވެއްޓުނު ހާދިސާއެއް މިއަދު ހެނދުނު ހިނގައިފިއެވެ.
މާފުށިން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ކުއްލި ވިލާގަނޑަކާ ދިމާވެގެން، ޕެރެސެއިލިންގައި ތިބި ދެ މީހުން ތިރިކުރަން މަސައްކަތްކުރި ވަގުތުއެވެ. އެގޮތުން ފަޅައިގެންދިޔަ ވައިކުޑަ ވެއްޓިފައި ވަނީ މާފުއްޓާއި ކުޑަމާފުއްޓާ ދެމެދު އަޅާފައިވާ ޒިޕްލައިނުގެ މައްޗަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ވައިކުޑަ ފަޅައިގެންދިއުމާއެކު އެކަކު މޫދަށް ވެއްޓޭއިރު، އަނެއް މީހާ ޕެރެސެއިލިންގައި މައްޗަށް އަރައިގެންދާ މަންޒަރު ފެނެއެވެ. މޫދަށް ވެއްޓުނު މީހާ ވަގުތުން ސަލާމަތްކޮށްފައި ވަނީ އެ ސަރަހައްދުގައި އޭރު ޖެޓްސްކީގައި ހަރަކާތްތެރިވި ބަޔަކު ކަމަށް ވެއެވެ.
ހާދިސާ ހިނގިއިރު ޕެރެސެއިލިންގައި ތިބި ދެ މީހުންވެސް ތިބީ ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް އަޅައިގެން ކަމަށާއި، މޫދަށް ވެއްޓުނު މީހާއަށްވެސް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ ރަށުން ބުނެއެވެ.
މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެފައި ވާތީ މޫދަށް އެރި އުޅޭއިރާއި ކަނޑު ދަތުރުފަތުރު ކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބައެއް ހިސާބުތަކަށް ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ