ހުޅުމާލެ ފޭސް 1ގައި ހުންނަ އެޕޯލޯ ކްރިސްޓަލް ބިލްޑިންގގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން ބުނީ އެ އިމާރާތުގެ އެޕާޓްމަންޓަކުން ދުން އަރަމުންދާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:57 ހާއިރު ކަމަށެވެ. ރިޕޯޓާ ގުޅިގެން އެ ސަރަހައްދަށް ގޮސް ބެލި ބެލުމުން، ދުން އަރަމުންދަނީ އިމާރާތުގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުން ކަން އެނގުނު ކަމަށް ފުލުހުން ވިދާޅުވި އެވެ.
އާންމުންގެ އެހީތެރިކަމާއެކު އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ ރޯވެފައި ހުރި އަލިފާން ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ހާދިސާ ހިނގި ވަގުތު އެޕާޓްމަންޓުގައި އެއްވެސް މީހަކު ނެތް ކަމަށާއި، އަލިފާން ރޯވެފައި ހުރީ ބެލްކަނީގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި ކަމަށްވެސް ފުލުހުން ވަނީ ފާހަގަކުރައްވާފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ