މާލޭ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި، އެ ސަރަޙައްދު މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.
މި ފިޔަވަހީގައި ހިމެނޭ 5 ސެގްމަންޓު ނިންމައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅައި، މުޅިން އައު ސިފައެއް ގެނެސްފައެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، މަގު އާންމުންނަށް ހުޅުވާލި ނަމަވެސް ބައެއް ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށް ދާނެއެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމާއި، ސިޑިތައް ފާހަގަކުރުމަށް ރަތްކުލަ ލީ ކާބް ސްޓޯން ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.
ބޮޑުތަކުރުފާނުމަގު ފެހި ކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގައި، އެކި ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން ހިންގި ގަސް އިންދުމުގެ ޙަރަކާތްތަކުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް 3,100 އަށްވުރެ ގިނަ ގަސް މިހާތަނަށް ވަނީ އިންދާފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެއްގަމު ތޮށި ކައިރީގައި ސަފުވެފައި ހުރި ދިވެހި ރުށްތަކެވެ.
ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ކުރިން ފެށި މި މަސައްކަތުގައި، ފަޅުތެރެއިން ބައެއް ސަރަޙައްދު ހިއްކައިގެން މަގު ފުޅާ ކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. އަލަށް ހުޅުވާލި މި ސަރަޙައްދުގައި ޕާކުކުރުން މަނާ ކޮށްފައި އޮތް ނަމަވެސް، އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ޤާއިމުކޮށްފައެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫޢުގައި، މިހާރު ވަނީ ރަސްމީ ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް މަގުގެ ބައި ތަރައްޤީކޮށް، އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ