މި އަހަރުގެ ފުރަތަމަ ހަތް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.19 މިލިއަނަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %4.6 ދަށް އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖަނަވަރީން ޖުލައި މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1,198,343 މީހުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 1,256,306 މީހުން ޒިޔާރަތްކޮށްފައިވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އައި މީހުންގެ އަދަދު ވެސް ވަނީ 6,189 އިން 5,903 އަށް ދަށްވެފައެވެ.
އަހަރުގެ ފެށުން ރަނގަޅު ކަމުގައި ވިޔަސް، ޖެހިޖެހިގެން އައި މަސްތަކުގައި އެރައިވަލްސް ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. ޖަނަވަރީ މަހު %5.0 ގެ ކުރިއެރުމެއް ލިބުނުއިރު، ފެބްރުއަރީ މަހު 254,556 މީހުންނާއެކު %17.7 ގެ ބޮޑު ކުރިއެރުމެއް ހޯދިއެވެ. ނަމަވެސް މާރިޗު މަހު %19.8 ދަށަށް ގޮސް، އޭޕްރީލް މަހު %24.4 ގެ ބޮޑު ވެއްޓުމަކާ ކުރިމަތިވިއެވެ. މެއި މަހު %1.7 ގެ ކުޑަ ކުރިއެރުމެއް ފެނުނު ނަމަވެސް، ޖޫން އަދި ޖުލައި މަހު އަނެއްކާވެސް ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.
އާންމު ފަތުރުވެރިންގެ ގޮތުގައި އައި މީހުންގެ އަދަދު 1,173,128 އަށް ދަށްވެފައިވީ ނަމަވެސް، ކްރޫޒް ލައިނަރތަކުގައި ރާއްޖެ އައި ފަސިންޖަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު ޖުލައި ނިޔަލަށް 8,263 ކްރޫޒް ފަސިންޖަރުން އައިސްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 15,577 އަށް އަރާ ގާތްގަނޑަކަށް %88 ގެ ކުރިއެރުމެއް ހޯދާފައެވެ. ހަމައެއާއެކު ވިޔަފާރީގެ ބޭނުމަށް ރާއްޖެ ޒިޔާރަތްކުރި މީހުންގެ އަދަދު ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ.
ދުނިޔޭގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށާއި ޓޫރިޒަމް ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ