އިންޑިއާ ކަނޑުގެ ކާގޯ ހަބަކަށް ވެލާނާ އެއަރޕޯޓު ބަދަލުވަމުންދާ ކުރިއެރުން ޗައިނާގައި ދައްކާލައިފި

އިންޑިއާ ކަނޑުގެ ކާގޯ ހަބަކަށް ވެލާނާ އެއަރޕޯޓު ބަދަލުވަމުންދާ ކުރިއެރުން ޗައިނާގައި ދައްކާލައިފި

Author
އަހުމަދު
21 ޖުލައި 2026 08:00
0

އިންޑިއާ ކަނޑުގެ ސަރަހައްދުގައި މުހިންމު ޓްރާންސްޝިޕްމަންޓް ހަބަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ބަދަލުވަމުންދާ ކުރިއެރުންތައް، ޗައިނާގެ ޝަންހާއީގައި ބޭއްވި "އެއަރ ކާގޯ ޗައިނާ 2026″ މައުރަޒުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދައްކާލައިފިއެވެ.

20 ޖުލައި 2026 ގައި ބޭއްވި މި މައުރަޒުގައި އެމްއޭސީއެލްއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެއަރލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކާއި، ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް، ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ދައްކާލައި، ކުރިއަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާތައް ބާއްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އޭޝިއާ ސަރަހައްދުގެ ބައިވެރިވުން ވަރުގަދަކުރުމާއި، ރާއްޖެއަށް އަންނަ ފްރައިޓަރ ފްލައިޓްތައް އިތުރުކުރުމާއި، ޔޫރަޕާއި، އުތުރު އެމެރިކާ އަދި ސީ.އައި.އެސް ސަރަހައްދަށް ދަތުރުކުރާ ވިއުގަ ފުޅާކުރުމުގެ މައްޗަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގައި މުދާ ބަދަލުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި މަރުކަޒަކަށް މިއަދު ވެފައިވަނީ، އެއަރޕޯޓު އޮތް ޖިއޮގްރަފިކަލް މަގާމާއި، ފުޅާވަމުންދާ އެއަރލައިން ވިއުގައާއި، މަލްޓިމޯޑަލް ކާގޯ ޚިދުމަތްތަކުގެ ސަބަބުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ވެލާނާ އެއަރޕޯޓުން 36,367 ޓަނުގެ ކާގޯ ހޭންޑަލްކޮށްފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 7,982 ޓަނުގެ މުދާ އުފުލާފައިވާއިރު، މިއީ 15 އިންސައްތައިގެ އިތުރުވުމެކެވެ.

ފްރައިޓަރ އޮޕަރޭޝަންތަކުން ވެސް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. މި މުއްދަތުގައި 358 ފްރައިޓަރ ފްލައިޓެއްގައި 2,925 ޓަނުގެ މުދާ އުފުލާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 174 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، 12 ޖުލައި 2026 ގައި އެއް ދުވަހެއްގެ ތެރޭގައި 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑަލްކޮށް، ވެލާނާ އެއަރޕޯޓުގެ ތާރީޚުގައި އާ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ދެވަނަ ގައުމަކީ ޗައިނާއެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ ސްރީލަންކާއެވެ. އަދި ރާއްޖެ މެދުވެރިކޮށް އެންމެ ގިނަ މުދާ ފޮނުވާފައިވަނީ އެމެރިކާއަށްކަމުގައި ވެފައި، އެ ގައުމަށް ގާތްގަނޑަކަށް 1,618 ޓަނުގެ މުދާ ފޮނުވާފައިވެއެވެ.

ވެލާނާ އެއަރޕޯޓުން 2024 ވަނަ އަހަރު ފެށި "ސީ-ޓޫ-އެއަރ" ޚިދުމަތުގެ ދަށުން، މިހާތަނަށް 17 އެއަރލައިނަކާ ގުޅިގެން 5,000 ޓަނަށްވުރެ ގިނަ ކާގޯ ވަނީ އުފުލާފައެވެ. މި ޚިދުމަތުގެ ދަށުން ކޮލަމްބޯއާއި، މުމްބާއީއާއި، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ، ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އުތުރު އެމެރިކާގެ މަންޒިލްތަކަށް ފޮނުވަމުންދެއެވެ.

އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި 2026/27 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް، އެއަރލައިންތަކުގެ ޖާގަ އިތުރުވެ، ޔޫރަޕުގެ އާ މަންޒިލްތަކަށް ދަތުރުތައް ފެށިގެންދާނެއެވެ. މި ކުރިއެރުންތަކާއެކު، ވެލާނާ އެއަރޕޯޓަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.