މި ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ފުރި ޙައްޖާޖީންނަށް ލުއިފަސޭހަ، އަވަސް އަދި މަޑުޖެހުންކުޑަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ހިންގި ޚާއްޞަ އޮޕަރޭޝަން، ފަހު ޢުމްރާ ގްރޫޕް ފުރުމާއެކު އިއްޔެ ނިންމާލައިފިއެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި، މި މަހު ރާއްޖެއިން 5,565 އަށްވުރެ ގިނަ ޢުމްރާވެރިން ވަނީ ވީއައިއޭ މެދުވެރިކޮށް ފުރާފައެވެ. މި އޮޕަރޭޝަން ހިންގުމުގައި ކުންފުނީގެ ޕެސެންޖަރ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ގުޅިގެން، އެއަރޕޯޓުގެ ކަމާ ގުޅުންހުރި ފަރާތްތަކާ އެކުވެ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިއެވެ.
އޮޕަރޭޝަންގެ ދަށުން 100 އަށްވުރެ ގިނަ މީހުން ހިމެނޭ ޢުމްރާ ގްރޫޕްތަކަށް، ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުޞަތު ހުޅުވާލެވުނެވެ. މީގެ ސަބަބުން ޢުމްރާވެރިންގެ ފޮށިތައް ކުރިއާލާ ޗެކިންކޮށް، ބޯޑިންގ ޕާސް ދޫކުރުމުގެ މަސައްކަތްވަނީ ޓާމިނަލް ސަޕޯޓް ސާވިސަސްގެ އެހީތެރިކަމާއެކު އޮމާންކޮށް ކުރިއަށް ގެންދެވިފައެވެ. މީގެ އިތުރުން، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމުވެސް ހަމަޖެއްސުނުކަމަށް އެ ކުންފުނިން ބުނެއެވެ.
ޢުމްރާވެރިން އެއަރޕޯޓަށް ވަޑައިގަތުމުން، އެ ބޭފުޅުންނަށް ޚާއްޞަ ކުރެވިފައިވާ ދޮރަކުން ޓާމިނަލަށް ވަނުމުގެ އިންތިޒާމު ހަމަޖައްސައި، އިމިގްރޭޝަން އަދި ސެކިޔުރިޓީ ސްކްރީނިންގ މަރުޙަލާތައް އަވަސް ކުރުމަށް ވަކި ކައުންޓަރުތަކާއި އެކްސް-ރޭ މެޝިންތައް ޚާއްޞަކުރެވުނެވެ. ހަމައެއާއެކު، އެއަރޕޯޓުގެ ބޭރު ސަރަޙައްދު ތަރުތީބުކޮށް، ޓެކްސީ ކިއުތައް ބެލެހެއްޓުމާއި އުޅަނދުފަހަރު ވަދެ ނިކުމުމުގެ މަގުތައް ބެލެހެއްޓުމުގެ ކަންކަން ކުންފުނީގެ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްއިން ކުރިއަށް ގެންދިޔައެވެ.
މި ޚާއްޞަ އޮޕަރޭޝަންގެ ސަބަބުން ޢުމްރާވެރިންނަށް ޗެކިން، އިމިގްރޭޝަން، ސެކިޔުރިޓީ ސްކްރީނިންގ އަދި ބޯޑިންގގެ މަރުޙަލާތައް އެއްވެސް ބޮޑު ބުރޫއެރުމެއްނެތި އަވަހަށް ނިންމާލެވުނުކަމަށާއި، މިފަދަ ބާރުބޮޑު ދުވަސްވަރުގައިވެސް ޢުމްރާވެރިންނަށާއި އެހެން ފަސިންޖަރުންނަށް ދެވޭ ޚިދުމަތްތައް ފުރިހަމަ އަދި އޮމާން ގޮތެއްގައި ފޯރުކޮށްދިނުމަކީ ކުންފުނީގެ މައިގަނޑު މަޤްޞަދު ކަމުގައި އެމްއޭސީއެލް އިން ފާހަގަކުރެއެވެ.
މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވެދެއްވި މޯލްޑިވްސް އިމިގްރޭޝަނާއި، އެއަރލައިންތަކާއި، ޓްރެވެލް އެޖެންސީތަކާއި، ޢުމްރާ ގްރޫޕްތަކާއި، ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކަށާއި ފަރާތްތަކަށް އެމްއޭސީއެލްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ