ބޮޑުތަކުރުފާނުމަގުގެ އާ ބައި މާދަމާ ހަވީރު ޓްރެފިކަށް ހުޅުވާލަނީ

ބޮޑުތަކުރުފާނުމަގުގެ އާ ބައި މާދަމާ ހަވީރު ޓްރެފިކަށް ހުޅުވާލަނީ

Author
އަހުމަދު
23 ޖުލައި 2026 09:48
0

މާލޭގެ ބޮޑުތަކުރުފާނުމަގުން އަލަށް ތަރައްޤީކުރި ބައި، މާދަމާ ހަވީރު 4:00 ގައި އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ އަލަށް ތަރައްޤީކުރި ޕާކިން ޒޯން ހިމެނޭ ސަރަހައްދުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައެވެ. އެއްވެސް ރަސްމިއްޔާތަކާ ނުލައި މަގު ހުޅުވާލުމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަގު ހެދުމުގެ މަސައްކަތް ނިމުމާއެކު ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ މާލޭގެ މަލަމަތި ރީތިކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގްސަދުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރު ގަސް އިންދާފައިވާ ސަރަހައްދުތަކުގެ އިތުރުން، އެހެން ސަރަހައްދުތަކުގައިވެސް ރުކާއި ތަފާތު މާމެލާމެލީގެ ގަސްތައް އިންދައި، މާލޭގެ މަގުތައް ފެހިކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ބާރަށް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތުގެ އިތުރުން، މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ސާވޭގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.