އޮރިޔާން ކާޑު ހުރި ކަމަށް ބުނެ ބިރު ދައްކައި، ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީގެ މައްޗަށް ދައުވާ އުފުލީ ދިވެހި ފިރިހެނަކަށް އޮރިޔާން ކާޑު ބޭނުންކޮށްގެން ބިރު ދައްކައި، އެކި ފަހަރު މަތިން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުކުރެވިގެންނެވެ. ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 19 ގައި ކަމަށް ފުލުހުންގެ ރެކޯޑުތަކުން ދައްކައެވެ.
ދައުވާ އުފުލުމުން، މި މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރިލް މަހު ނިންމިއެވެ. އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ދަށު ކޯޓުގެ ނިންމުމަށް ހައި ކޯޓުން ވެސް ތާއީދު ކުރިއެވެ.
ނަމަވެސް، މިއަދު ސުޕްރީމް ކޯޓުން ވަނީ ދަށު ދެ ކޯޓުގެ ނިންމުން ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައުލަތުން މި މައްސަލަ އަލުން ހުށަހަޅައިފި ނަމަ، މައްސަލަ އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިޔުމަށެވެ.
މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ކޮމެންޓު ފޮނުވާ