ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑް ޑޮރިއެލްޓަން، ރެކޯޑް މުސާރައަކާއެކު ނިއު ރޭޑިއެންޓަށް

ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑް ޑޮރިއެލްޓަން، ރެކޯޑް މުސާރައަކާއެކު ނިއު ރޭޑިއެންޓަށް

Author
އަހުމަދު
23 ޖުލައި 2026 11:46
0

ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ، މަހަކު 350,000 ރުފިޔާގެ މުސާރައަކަށް ނިއު ރޭޑިއެންޓް ސްޕޯޓްސް ކްލަބާ ގުޅިއްޖެއެވެ.

ސީނިއާ ފޯވާޑް ޑޮރިއެލްޓަން، ނިއު ރޭޑިއެންޓަށް ސޮއިކޮށްފައިވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމުގެ ސްކޮޑް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އުމުރުން 36 އަހަރުގެ މި ކުޅުންތެރިޔާ ކްލަބާ ގުޅުނުކަން އިއުލާންކޮށްފައިވަނީ، ޓީމަށް އަލަށް ގުޅުނު ކުޅުންތެރިން ތައާރަފުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގައި ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި ޑޮރިއެލްޓަން، އެ ކްލަބުގައި ހޭދަކުރި ދުވަސްވަރު ލިބިލައްވަމުން ދިޔައީ މަހަކު 13,000 އެމެރިކާ ޑޮލަރުގެ މުސާރައެކެވެ. ނަމަވެސް، ނިއު ރޭޑިއެންޓަށް ބަދަލުވުމުގައި، މުސާރައާއި އެހެނިހެން އިނާޔަތްތަކާއެކު ކްލަބުން އޭނާއަށް ޚަރަދުވާނެ ކަމަށް ބެލެވެނީ މަހަކު ގާތްގަނޑަކަށް 350,000 ދިވެހި ރުފިޔާއެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި، މިއީ މި ސީޒަނުގައި ދިވެހި ކްލަބަކުން ކުޅުންތެރިއަކަށް ކުރާނެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.

ފުޓްބޯޅަ ކެރިއަރު 2008 ވަނަ އަހަރު ބްރެޒިލްގެ މަޝްހޫރު ފްލުމިނެންސީން ފެށި ޑޮރިއެލްޓަން ވަނީ ބްރެޒިލާއި ޗައިނާގެ އެކި ކްލަބުތަކުގައި ކުޅުމަށްފަހު، 2020 ވަނަ އަހަރު ބަންގްލަދޭޝްއަށް ބަދަލުވެފައެވެ. ބަޝުންދަރާ ކިންގްސްއަށް ކުޅުނު 71 މެޗުން 69 ލަނޑު ޖަހައި، ލީގު ތަށި އުފުލާލުމުގައި މުހިންމު ދައުރެއް އަދާކުރި މި ފޯވާޑް، ދާދިފަހުން ވަނީ އިންޑިއަން ސުޕަ ލީގުގެ އޮޑީޝާ އެފްސީއަށް ވެސް ކުޅެފައެވެ.

ދިވެހި ފުޓްބޯޅައިގައި ނިއު ރޭޑިއެންޓް ކުރިން ހޯދި ފަދަ ކާމިޔާބީތަކާއެކު، އެ ކްލަބުގެ ރަސްކަން އަނބުރާ ހޯދުމަށް މަސައްކަތްކުރަމުންދާ މެނޭޖްމަންޓުން ވަނީ ބޭރު ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ޒުވާން އުންމީދީ ގިނަ ކުޅުންތެރިންތަކެއް ވެސް މި ސީޒަނަށް ގެނެސްފައެވެ. ޑޮރިއެލްޓަން ފަދަ ތަޖުރިބާކާރު ކުޅުންތެރިޔަކާއެކު، މި ސީޒަނުގައި ބާއްވާ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަކީ ނިއު ރޭޑިއެންޓުގެ އަމާޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.