ޝަހީދުވީ ފުލުހުންގެ ޒިކުރާ އާކޮށް، 'ޕޮލިސް މެމޯރިއަލް ޑޭ' ގެ މައި ރަސްމިއްޔާތު ބާއްވައިފި

ޝަހީދުވީ ފުލުހުންގެ ޒިކުރާ އާކޮށް، 'ޕޮލިސް މެމޯރިއަލް ޑޭ' ގެ މައި ރަސްމިއްޔާތު ބާއްވައިފި

Author
އަހުމަދު
23 ޖުލައި 2026 11:44
0

ޤައުމީ ވާޖިބު އަދާކުރެއްވުމުގައި ފުރާނަ ޤުރުބާންކުރެއްވި ދިވެހި ފުލުހުންގެ ހަނދާނުގައި ފާހަގަކުރާ 'ޕޮލިސް މެމޯރިއަލް ޑޭ' ގެ މައި ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވައިފިއެވެ.

ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ މި ދުވަހުގެ ހަރަކާތްތައް ފެށިގެންދިޔައީ ރޭގެ މެންދަމު 00:00 ގައި ފުލުހުންގެ މައި މަރުކަޒުތަކުގައި ދިދަ ބައިދަނޑިއަށް ތިރިކޮށްގެންނެވެ. މިއަދު ހެނދުނު 06:00 ގައި ބޭއްވި މައި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަ އެންޑް ޓެކްނޮލޮޖީއެވެ. ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ޝަހީދުވި ފުލުހުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސް، އެ ބޭފުޅުންގެ ފުރާނަފުޅަށް ދުޢާ ދެންނެވުން އޮތެވެ.

ދިވެހި ފުލުހުންގެ މެމޯރިއަލް ވޯލްގައި މިހާތަނަށް ބިންވަޅުނަގާފައިވަނީ ފަސް ޝަހީދެއްގެ ނަންފުޅެވެ. އެއީ ޝަހީދު ސާޖަންޓް ޢަލީ ނާޒިމް، ޝަހީދު ސާޖަންޓް އާދަމް ޙަލީމް، ޝަހީދު ސާޖަންޓް މިސްބާޙު ޢަބްދުﷲ، ޝަހީދު ސާޖަންޓް އަޙްމަދު ވިފާޤް އަދި ޝަހީދު ކޮންސްޓަބަލް ޔޫސުފް ޒަމީރެވެ. މިއަދު ފާހަގަކުރާ ޚާއްޞަ ދުވަހަކީ 2012 ވަނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު ކ. ކާށިދޫގައި ރަސްމީ ވާޖިބުގައި އުޅުއްވަނިކޮށް ދިން ރަޙުމުކުޑަ ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައި، 2013 ވަނަ އަހަރުން ފެށިގެން ފާހަގަކުރަން ފެށި ދުވަހެކެވެ.

މީގެ އިތުރުން، ފުލުހުންގެ ވާޖިބު އަދާކުރައްވަނިކޮށް ނިޔާވެފައިވާ 11 ބޭފުޅެއްގެ ޒިކުރާވެސް މިއަދު ވަނީ އާކޮށްފައެވެ. އޭގެ ތެރޭގައި ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަދީމް، ސާޖަންޓް ޙުސައިން ޝަރީފް، ސާޖަންޓް ޝުޖާޢު ޢަދުނާން، ސާޖަންޓް އިސްމާޢީލް ރިޒާ، ކޯޕްރަލް މުޙައްމަދު ޝާތިރު، ލާންސް ކޯޕްރަލް ޙަސަން އަޝްރަފް، ކޮންސްޓަބަލް ޢަބްދުލްބާސިތު، ސާޖަންޓް ފާތިމަތު ރިފާ، ކޮންސްޓަބަލް ޙުސައިން ޤައިސް އަދި ސާޖަންޓް މުޙައްމަދު އަރުޝަދު ހިމެނިވަޑައިގަންނަވައެވެ.

ޚާއްޞަކޮށް، މިއަހަރުގެ ރަސްމިއްޔާތުގައި މިދިޔަ މަހުގެ 11 ވަނަ ދުވަހު "ޕޮލިސް ލޯންޗު 57″ ގައި ފުލުހުންގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވެވަޑައިގަންނަވަނިކޮށް ދިމާވި ހާދިސާއެއްގައި ނިޔާވެވަޑައިގެންނެވި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ޒިކުރާވެސް ވަނީ އާކޮށްފައެވެ. މެމޯރިއަލް ވޯލްގައި ޝަރަފުގެ ގާޑެއް މައުންޓްކޮށް، ފޯރިމެރުމުގެ ހަރަކާތްތައް މިރޭގެ މެންދަމު 00:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.