ރ. ދުވާފަރުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހަތަރު ޒުވާނަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
މި މަހުގެ 21 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށުގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރި ކަމަށް ފުލުހުން ބުނެއެވެ. ކެފޭ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއެކު، އެތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ ހަތަރު ޒުވާނުން ކަމަށްވާ މައިސަމް މުޞްޠަފާ (22އ)، ޢަލީ ފިރްޞާދު އާދަމް (21އ)، ޢަލީ ހަސްރާނު (21އ) އަދި މުޙައްމަދު ސުނޭޙް (19އ) އެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މި ހަތަރު މީހުންގެ ތެރެއިން މައިސަމް މުޞްޠަފާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދެން ތިބި ތިން ޒުވާނުން ކަމަށްވާ ފިރްޞާދު، ހަސްރާނު އަދި ސުނޭޙް 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށްވެސް ކޯޓުން ވަނީ ނިންމައިފައެވެ.
ދާދި ފަހަކުން ވެސް ދުވާފަރުގައި ހިންގި މިފަދަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ